ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ނެގި ގުރުއަތުލުމާ މެދު ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ހުޅުވާލައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އޭރު ވަނީ ގުރުއަތު ނަގައިފައެވެ.
ނަމަވެސް މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، މިދިޔަ އަންގާރަ ދުވަހު ވަނީ ގުޅިފަޅުގެ ގޯތިތަކުގެ ގުރު އަލުން ނަގައިފައެވެ.
އެގޮތުން ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލުކުރި ފަރާތްތަކުގެ ގޯތީގެ ގުރުއަތުލުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގުޅިފަޅުން ގޯތި ލިބުނު މީހުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ އިއުލާނުގައި ގޯތި ލިބުނު މީހުންގެ ލިސްޓު ވެސް އާންމުކޮށްފައެވެ.
ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.
ގުޅިފަޅުން ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ރައީސް ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ގުޅިފަޅަށް 85 ހެކްޓަރު އިތުރުކޮށް، ދެވަނަ ފިޔަވަހިން 150 ހެކްޓަރު އިތުރު ކުރާށެވެ. އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.