ޚަބަރު

500 ރުފިޔާގެ ވަގު ނޫޓު ދައުރުވަނީ، ސަމާލުވާން ފުލުހުން އެދިއްޖެ

ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓުތަކެއް ދައުރުވާތީ ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ވަގު ނޫޓުން މުއާމަލާތް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރުމާ ގުޅިގެން ފުލުހުންގެ ވެބްސައިޓްގައި ބުނީ، ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައިވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުން ފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ވަގު ނޫޓު ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށި/ސަލްވާ، އާއިޝަތު ޝިޒުނީ (25އ) އާއި ސ. ހިތަދޫ / އަތަމާވިލާ، މައުޒޫ މުހައްމަދު (29އ) އެވެ.

ފުލުހުންނަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކޮށް، 500ރ. ގެ 24 ވަގު ނޫޓު ވަނީ ހޯދައިފައެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ވަނީ 30 ދުވަސް ޖަހަފައިފައެވެ.