މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކައިފިއެވެ.
އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން، އެ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލައި އިރު ތިން ޕަސެންޓުގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމާއެކު ޖުމުލަ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބުނުއިރު އެއީ މީގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން އަންނަ ވިޔަފާރި ރަނގަޅުވުން ކަމަށެވެ.
ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމުލަ ފައިދާ އިތުރުވުމާއެކު އެ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 251 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެކެވެ.