ޚަބަރު

ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މޫސާ ލަތީފާއި ފެއަރީ ޒާހިރަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، 'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި 'އާފަތިސް' ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އަށް ދީފިއެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެމްސީން ދޭ ޝަރަފެކެވެ.

އެ އެވޯޑް މި އަހަރު ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން ފެއަޒީ ޒާހިރަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މަގުބޫލު ބްރޭންޑެކެވެ. އޭނާ ނޫސްވެރިކަމުގެ ތެރެއަށް ވަދެވަޑައިގަތީ ޓީޗަރެއްގެ ވަޒީފާގައި އުޅުއްވަމުން "ހަފުތާ" ނޫހަށް ލިޔުއްވަން ފެއްޓެވި ހިސާބުންނެވެ. ނަމަވެސް ޒާހިރުގެ ތަރި އެރީ 1984 ވަނަ އަހަރު 'އާފަތިސް' އަށް ލިޔުއްވަން ފެއްޓެވި ހިސާބުންނެވެ.

އެ މަސައްކަތުގެ ތެރެއިން ޒާހިރު ކުރެއްވި އެންމެ ހާއްސަ މަސައްކަތަކީ 1987 ވަނަ އަހަރު ފެއްޓެވި ބޭރު ދުނިޔޭގެ ހަބަރުތައް ދިރާސާ ކުރެއްވުމުގެ މަސައްކަތެވެ. އޭރު އެ މަސައްކަތް ކުރެއްވީ ބޭރުގެ ނޫސް އެޖެންސީތަކުން ކޭބަލް މެދުވެރިކޮށް ފޮނުވާ ހަބަރުތަކާއި ރޭޑިއޯއަށް ފޮނުވާ ހަބަރުތައް ތަރުޖަމާކުރައްވައިގެންނެވެ. އޭނާ ވަނީ ޓެލެވިޝަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަށްވެސް ބޭރު ހަބަރު ތަރުޖަމާކޮށްދެއްވައިފައެވެ.

ސަރުކާރުން ދެއްވި ފުރުސަތެއްގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީން އެޑިއުކޭޝަން އެންޑް މާސް މީޑިއާގެ ރޮނގުން އެއް އަހަރު ދުވަހުގެ ކޯހެއްވެސް ފުރިހަމަ ކުރެއްވި ޒާހިރު ފަހުން މަސައްކަތް ކުރެއްވީ 'އާފަތިސް' ނޫހުގެ އެޑިޓަރުގެ މަގާމުގައެވެ. އޭނާގެ އެޑިޓަރުކަމުގެ ދަށުން އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އާ ނޫސްވެރިން އުފެއްދުމަށެވެ. ހާއްސަކޮށް ކުޅިވަރު ނޫސްވެރިން އުފެއްދުމުގެ މަސައްކަތް ކުރެއްވިއެވެ.

ޒާހިރު ވަނީ އެ ދުވަސްވަރު ނުރަސްމީ ތައުލީމު ދޭ މަރުކަޒުން ނެރުނު ދެ މަޖައްލާއެއް ކަމަށްވާ "ޖަމާއަތުގެ ހަބަރު" އަދި "ހޮޅުއަށި" ގެ އެޑިޓަރުކަންވެސް ކުރައްވައިފައެވެ.

ނޫސްވެރިކަމުގެ ރޮނގުން ޒާހިރު ކޮށްދެއްވާފައިވާ ހިދުމަތްތައް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ އޭނާއަށް 1996 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމު ދެއްވައިފައެވެ. އަދި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްސީން އޭނާ އަށް ނޫސްވެރިކަމުގެ ރަން ގަލަންވެސް ވަނީ އަރުވައިފައެވެ.

މޫސާ ލަތީފަށް ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އިރު، ސަރުކާރުން މި އަހަރު ވަނީ ނޫސްވެރިކަމުގެ ރޮނގުން އޭނާއަށް ޝަރަފުވެރިކަމުގެ އިނާމުވެސް ދީފައެވެ. އޭގެ އިތުރުން އޭނާއަށް ވަނީ ދިވެހި ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައެވެ.

ނޫސްވެރިކަމުގެ ދާއިރާއާ މޫސާ ގުޅިވަޑައިގަތީ 1989 ވަނަ އަހަރު "ހަވީރު" ނޫހުންނެވެ. އޭރު އޭނާގެ އުމުރަކީ 19 އަހަރެވެ. އެ ނޫހުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުޅިވަރު މުބާރާތްތައް މޫސަ ވަނީ ކަވަރުކުރައްވައިފައެވެ.

ނޫސްވެރިކަމުގެ ރޮނގުން މެލޭޝިއާ އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ މޫސައަކީ ވަރަށް ޒުވާން އުމުރެއްގައި ކޮލަމް ލިޔުއްވަން ފެއްޓެވި ބޭފުޅެކެވެ. އޭނާގެ ކޮލަމްތަކުގެ ތެރޭގައި 'އޮއިދުނި'، 'އަހަރެންގެ ފޮޅުވަތް' އަދި 'ކުއަލަލަމްޕޫރުން ސިޓީއެއް' ހިމެނެއެވެ. އޭގެ އިތުރުން 'މީހުން'ގެ ނަމުގައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ ކުރު ޕްރޮފައިލެއް ހިމެނޭ ކޮލަމެއް ވަރަށް ގިނަ އަހަރު ވަންދެން 'ހަވީރު' ނޫހުގައި ލިޔުއްވިއެވެ.

މޫސަ ވަނީ 2010 އިން ފެށިގެން 2016 ވަނަ އަހަރު ހަވީރު ހުއްޓުވުމާ ހަމައަށް އެޑިޓަރުކަން ކުރައްވައިފައެވެ. ފަހުން އެ ނޫހުގެ މެނޭޖްމަންޓުން އުފެއްދި "މިހާރު" ނޫހުގެ އެޑިޓަރުކަންވެސް އޭނާ ކުރެއްވިއެވެ. ނަމަވެސް ފަހުން މޫސަ މަސައްކަތް ކުރައްވަމުން ގެންދަވަނީ 2021 ވަނަ އަހަރު 'ދައުރު'ގެ ނަމުގައި ނޫހެއް ހައްދަވައިގެންނެވެ.

ރާއްޖޭގެ ނޫސްވެރިކަމުގައި ކުރިން ލިޔެ އުޅުނު މަޒުމޫނު ސްޓައިލްގެ ލިޔުންތައް ޒަމާނީ ކުރެއްވި އެއް ލިޔުންތެރިޔަކީ ވެސް މޫސައެވެ. އޭނާ ވަނީ ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުމާ ގުޅޭގޮތުން "ހަތެއް ފެބްރުއަރީ" ނަމުގައި ފޮތެއް ވެސް ލިޔުއްވައިފައެވެ.