އިބްރާހިމް ޒަކީ
ބަރެސްދޫ މަޝްރޫއުން އެކި ފަރާތްތަކަށް ބިން ދޫކޮށްގެން ނެގި ފައިސާ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީ)ގެ އިސްވެރިން ހަރަދުކުރި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އޭސީސީން މިއަދު ބުނީ، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެމްއައިޓީޑީސީ) ކުރިއަށްގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކިފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓުތައް ބައްލަވައިގެން ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާ، އެކުންފުނީގެ އިސްފަރާތްތަކުން އުސޫލާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލަ މިހާތަނަށް ބެލިބެލުމުން އެ ޕްރޮޖެކްޓާ ގުޅިގެން ގިނަ ފަރާތްތަކަކުން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑަށާއި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން މި ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި އެކަމާގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ހުށަހެޅުމަށް އެދޭކަމަށެވެ.
އޭގެ ތެރޭގައި، ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެހާއި، ކުންފުންޏެއްނަމަ ކުންފުނީގެ މާޢުލޫމާތާއި ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި، ޑިޕޮސިޓް ފައިސާ ދެއްކި ތާރީހާއި، ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް) އަދި ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިޔުމެއް ހުށަހެޅުމަށްވެސް އޭސީސީންވަނީ އެދިފައެވެ.