މަދުރީ ޑިކްޝިޓްގެ މުމްބާއީގައި ހުރި ހިތްގައިމު ގެއަކީ ބޮޑެތި ބިއްލޫރި ކުޑަދޮރުތަކެއް ހުރި، ގޭގެ ކޮންމެ ކޮޓަރިއަކަށްވެސް އަލިކަަން ވަންނަ ގެއެކެވެ. އަލިކަމާއި ވައި ދައުރުވުމުގެ ސަބަބުން މި މަޝްހޫރު ގެއަކީ ހިތްގައިމު އަދި ރީތި ގެއަކަށް ވެފައިވެއެވެ.
އާކިޓެކްޗުރަލް ޑައިޖެސްޓް އިންޑިއާ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި، މަދޫރީއާއި އޭނާގެ ފިރިމީހާ ޑރ. ޝްރީރާމް ނޭން ވަނީ އެމީހުންގެ މުމްބާއީގައި ހުރި އެޕާޓްމަންޓްގެ ޓުއާއެއް ދީފައެވެ. މި ގޭގައި އެންމެ ފާހަގަކޮށްލެވެނީ މަރުވެފައިވާ މަޝްހޫރު ކުރެހުންތެރިޔާ އެމްއެފް ހުސެއިންގެ ކުރެހުންތަކެވެ.
2021 ވަނަ އަހަރު މަނީ ކޮންޓްރޯލްގައި ޝާއިއުކުރެވުނު ރިޕޯޓެއްގެ މައުލޫމާތުގައިވާގޮތުން، 48 ކްރޯޑު ރުޕީސްގެ މި އަގުހުރި ޕްރޮޕަޓީ ހުރީ އިންޑިއާބުލްސް ބްލޫ ޕްރޮޕްރޮޖެކްޓްގައެވެ. މި ޕްރޮޕަޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މުމްބާއީގެ ލޯވަރ ޕަރެލްގައި ހުރި މި ވައިދައުރުވާ އަދި ފަންނީ އެޕާޓްމަންޓުން ކަނޑުގެ މަންޒަރުތައްވެސް ފެނެއެވެ. މި އެޕާޓްމަންޓްގެ ބޮޑުމިނަކީ 5،500 އަކަފޫޓެވެ.
މަދުރީއަކީ އެމްއެފް ހުސެއިންގެ ފޭނެކެވެ. އޭނާ މަދޫރީއަށް ހާއްސަކޮށް ކުރަހާފައިވާ ފޯރިގަދަ ކުރެހުންތަކަކީ މި ގޭގެ ޑިޒައިންގެ މައިގަނޑު ބައެވެ. އެޕާޓްމަންޓަށް ވަދެވެނީވެސް އެމްއެފް ހުސެއިންގެ 1995 ވަނަ އަހަރުގެ ގަނަޕަތީ ކުރެހުން ހުރަސްކޮށްފައެވެ.
އެމްއެފް ހުސެއިންގެ އަނެއް ކުރެހުމެއް ކަމަށްވާ 1995 ވަނަ އަހަރުގެ "ޑާންސިންގ ވިމެން" ހަރުކުރެވިފައި ހުރީ ކެއުމަށް ހާއްސަ ސަރަހައްދުގައެވެ. މި ސަރަހައްދަކީ ސިޓިންރޫމާ ގުޅިފައިވާ ތަނެކެވެ. އަދި މި ސަރަހައްދުގައި ފަރުމާކުރެވިފައިވާ ބާއެއްވެސް ހުރެއެވެ. ސިޓިންރޫމްގައި ހުރީ ނޫކުލައިގެ ސޯފާއަކާއި، ވަށް ކޮފީ މޭޒަކާއި، އާދައިގެ ކުލަތަކުގެ ފަހަތުގައި ބެހެއްޓިފައިވާ އާމްޗެއާތަކެކެވެ. އަދި އެއްވައްތަރުކަން ނައްތާލުމަށްޓަކައި ކަޅު ވޯލްޕޭޕަރެއްވެސް ހުރެއެވެ.
މި ގޭގައި މަދުރީއާއި އޭނާގެ އާއިލާގެ މިޔުޒިކަށާއި، ތިއޭޓަރަށާއި، ފަންނުވެރިކަމަށާއި އަދި ޓެކްނޮލޮޖީއަށް ކުރާ ލޯބި އެއްކޮށްލެވިފައިވެއެވެ.
މަދުރީގެ މި ގެ ފަރުމާކުރި ލިތް ޑިޒައިންގެ އާކިޓެކްޓް އަޕޫރްވާ ޝްރޮފް، މި މަޝްހޫރު ގެ ސިފަކޮށްދީފައިވަނީ 'ޒަމާނީ ވަސީލަތްތަކާއި މިނިމަލިިސްޓް ގޮތްތައް އެއްކޮށްލެވިފައިވާ، ސީދާ ރޮނގުތަކާއި، ސާފު ބައްޓަންތަކާއި، އާދައިގެ ކުލަތަކަށް އިސްކަންދޭ ހިތްހަމަޖެހޭ ތަނެއް' ގެ ގޮތުގައެވެ.