ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އއ. އަތޮޅުގައި މުޅިން އަލަށް ދެ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ފެރިދޫ އާއި ބޮޑުފޮޅުދޫގައި ގާއިމުކުރެވުނު އެ އޭޓީއެމް ސެންޓަރުތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ލިބޭނެ މަގު އިތުރަށް ތަނަވަސްވެގެންދާނެ ކަމަށެވެ.
ފެރިދޫ އާއި ބޮޑުފޮޅުދޫގައި ހުޅުވުނު އާ އޭޓީއެމް ސެންޓަރުތަކުން ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާކުރުން ހިމެނެއެވެ.
އެ އޭޓީއެމް ސެންޓަރުތަކާއެކު އއ. އަތޮޅުގައި ބީއެމްއެލުން މިވަނީ ޖުމުލަ ހަ އޭޓީއެމް ސެންޓަރު ގާއިމުކޮށްފައެވެ. ފުޅާވެގެންދިޔަ އޭޓީއެމް ވިއުގައިގެ އިތުރުން، 2006 ވަނަ އަހަރު ރަސްދޫގައި ހުޅުވުނު ބްރާންޗް މެދުވެރިކޮށް ބީއެމްއެލުން އަންނަނީ އަތޮޅުގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، އއ. އަތޮޅުގައި އެ ބޭންކުގެ އޭޓީއެމް ވިއުގަ ފުޅާކޮށް، ފެރިދޫ އަދި ބޮޑުފޮޅުދޫގެ ރައްޔިތުންނަށް އަސާސީ ބޭންކިން ހިދުމަތްތައް އިތުރަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެން ޑިޖިޓަލް ބޭންކިން ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްތަކާއެކު މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކަށް އެހީތެރިވުމަށާއި، ދިވެހިރާއްޖޭގެ އިގުތިސާދު ހަރުދަނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗު، 91 ސެލްފްސާވިސް ބޭންކިން ސެންޓަރު، 147 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.