ޚަބަރު

200 ޕަސެންޓް ޑިއުޓީގެ ބަދަލުގައި ވޭޕަކުން 200 ރުފިޔާ ނަގަން ހިމަނައި ކޮމިޓީން ބިލު ފާސްކޮށްފި

އިބްރާހިމް ޒަކީ

ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް، އެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮމުވައިފިއެވެ.

މި ބިލަށް މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށްފަހު އިތުރަށް ދިރާސާކުރުމަށް އެ ކޮމިޓީއަށް ފޮނުވީ، މިމަހުގެ 22 ވަނަ ދުވަހުއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި އިރު، އޮތް ގޮތަށް ކޮމިޓީން ވަނީ ދެ ބަދަލެއް ގެނެސްފައެވެ.

ސަރުކާރުން ބިލު ހުށަހެޅީ، އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިން 200 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށެވެ.

ނަމަވެސް 200 ޕަސެންޓްގެ ބަދަލުގައި އެ އަދަދު 200 ރުފިޔާއަށް ބަދަލުކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިގެން ވަނީ ފާސްކޮށްފައެވެ. އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)ގެ ޑިއުޓީ 50 ޕަސެންޓަށް، ސްޓިކަކުން އަށް ރުފިޔާ ނަގަން ބިލުގައި ހިމަނާފައިވާ އިރު، ސްޓިކްގެ ބައި ގްރާމަށް ބަދަލު ކުރަންވެސް ނާޒިމް ހުށަހަޅުއްވައިގެން ވަނީ ފާސްކޮށްފައެވެ.

ނާޒިމް ވިދާޅުވީ އެ ބަދަލު ގެންނަން ހުށަހެޅުއްވީ ޕަސެންޓުން ޑިއުޓީ ނަގަން އޮތުމުން، އެތަކެތި ރާއްޖެ އެތެރެކުރާ އިރު، އިންވޮއިސް ބަދަލުކޮށްގެން ހެޔޮ އަގުގައާއި މީހުންނަށް ހިލޭ ބެހުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ބިލުގައި ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 50 ޕަސަންޓަށެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިލަކުން ވެސް 50 ޕަސަންޓަށް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިރު، އެއީ މިލިލީޓަރަކަށް އަށް ރުފިޔާއެވެ.

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ ވެސް 50 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 200 ޕަސަންޓަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރައީސް އެކްސްގައި އެކަން އިއުލާންކުރެއްވުމަށް އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި އެގޮތަށް ނިންމަވާފައިވާ ކަމަށާއި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.