ކޮންމެ ވެރިކަމެއްގެ ތެރެއިން އަބަދުވެސް އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކަންތައްތަކެއް ހިނގާކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ފޮރިން މިނިސްޓްރީގެ ކޯރޑިނޭޓަ އަދި ޓީވީ ޕްރެޒެންޓާ މުހައްމަދު އަނޫޝް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ގާސިމް ވިދާޅުވީ ފެބްރުއަރީ އެކެއްގެ ސުޕްރީމް ކޯޓުގެ އަމުރު ބާތިލްކޮށްފައިވަނީވެސް ދައުލަތުން ކޯޓަށް ބާރުފޯރުވައިގެން ކަމަށެވެ. އަދި ރާއްޖޭގައި އަދުލު އިންސާފު ގާއިމް ނުވަނީ ކޮންމެ ސަރުކާރަކުންވެސް ކޯޓުތަކަށް ނުފޫޒު ފޮރުވާތީ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަމުގެ ތެރެއިން އަބަދުވެސް އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކަންތައްތައް ހިނގާ ކަމަށެވެ. އެގޮތުން ކޮންމެ ސަރުކާރެއް އޮތްނަމަވެސް، ސަރުކާރުގެ އެކި ހިސާބުތަކުން އެކި ކޯޓުތަކަށް ބާރާއި ނުފޫޒު ފޮރުވާ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ގޮންޖެހުންތަކާއި އެކިއެކި ގޮތްގޮތުން ލިބެމުންދިޔަ އަނިޔާތަކާ އެކުވެސް އެމަނިކުފާނު މަސައްކަތްކުރައްވަނީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ފައިދާއާއި މަންފާއަށްޓަކައި ކަމަށް ގާސިމްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ކޮންމެ މީހަކަަށްވެސް އެމީހެއްގެ ހަސަބާއި ނަސަބަށް ނުބަލާ އެމީހެއްގެ ހުރި ކެރިފޯރުންތެރިކަމަކުން އެމީހަކަށް ކުރިއަށް ދިއުމަށް ފުރުސަތުދޭ ޕާޓީއެއް ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަކީ ރައްޔިތުންގެ ހައްގުގައިވި ގުރުބާނީއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަށް ހުރިހާ ރޮނގަކުން އެއްބާރުލުން ދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.