މިދިޔަ ސަރުކާރުގައި ރާއްޖޭގެ 61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި މަޝްރޫއުގެ ތެރެއިން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮރަޕްޝަން ހިންގި ކަމަށް ސަރުކާރުން ތުހުމަތުކުރާ މައްސަލަ ތަހުގީގުކޮށްދިނުމަށް އޭނާ މިއަދު ހުށަހަޅުއްވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ފައްޔާޒް މިއަދު ފޮނުއްވި ސިޓީތަކެއްގައި ވިދާޅުވީ، އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްވާ ނަމަ ތަހުގީގުކޮށްދޭން އެދޭ ކަމަށެވެ.
"ސަރުކާރުގެ އިސް ވެރިންނާއި މިނިސްޓަރު އަލީ އިހުސާން، މި މަޝްރޫއާ ގުޅުވައި އަޅުގަނޑަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާތާ އަހަރެއް ވާން ގާތްވެފައިވީ ނަމަވެސް، ރައްޔިތުންގެ ފައިސާއާ ގުޅޭ މިފަދަ މުހިންމު ކަމެއްގައި، މިހާތަނަށް އަޅުގަނޑާ ރަސްމީކޮށް އެއްވެސް ސުވާލެއް ނުކޮށް، ނުވަތަ ތަހުގީގެއް ހިންގާފައި ނުވޭ. މިހާތަނަށް އެ ވާހަކަ ދައްކަމުންދަނީ އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭ ގޮތަށް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް "އެކްސް' ގައި ވިދާޅުވީ، އޭނާގެ ފަރާތުން އެކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމުތަކުގައި ދީފައިވާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެ މައްސަލަ އޭސީސީއާއި ޕޮލިހަށް ހުށަހެޅީ، އޭނާއަށް ރައްދުވާ ތުހުމަތުތަކަށް ރަސްމީ ސިފައެއްގައި ޖަވާބުދިނުމުގެ މަގު ތަނަވަސްކުރުމަށް ކަމަށެވެ.
ޕޮލިސް ސްޓޭޝަން އަޅަން މިދިޔަ ސަރުކާރުން ދިން މައްސަލަ ފުލުހުން އަންނަނީ ތަގުގީގުކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ސަރުކާރާއެކު އެއްބަސްވުމެއް ހަދައިގެން ފުލުސް އިމާރާތް ހަދަން ހަވާލުކުރި އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏަށް ދިވެހި ސަރުކާރުން ޖަމާކުރި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް މިހާތަނަށްވެސް ސާފުވެފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ ގުޅޭނެ ގޮތެއްވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އިންދިރާ ޕްރޮޖެކްޓްސް ކުންފުނި ރާއްޖޭގައި ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މި ކުންފުނި ޖޭވީ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޝޯކާ ބިލްޑްކޮމް ކުންފުންޏާއި އިންދިރާ ޕްރޮޖެކްޓް ޑިވްލޮޕްމަންޓް، ޑެމިލްނާޑޫ ކިޔާ ކުންފުންޏެވެ.