މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރު މަގާމުން ވަކިކޮށްފިއެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސްގެ މެނޭޖަރުކަމުގެ މަގާމުން އަހްމަދު އަސްލަމް އަބްދުﷲ ވަކިކޮށްފައިވަނީ މިއަދުއެވެ.
މެޑިސިންގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ އަސްލަމް، ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރުކަމުގެ މަގާމާ ހަވާލުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސްގެ މަގާމަށް މީހަކު ހޯދުމަށް މިހާރު ވަނީ ގެޒެޓުގައި އިއުލާން ވެސް ކޮށްފައެވެ. އެ މަގާމަށް ޝަރުތު ހަމަވާ މީހުންނަށް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 1:00ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ފިގުހު، ޝަރީއާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަދުވެގެން އެއް އަހަރު ދުވަހުގެ ހައްޖާއި އުމްރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.