ސައުދީ ހައްޖު މިނިސްޓަރުގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއާއަށް ވަޑައިގެންފި އެވެ.
ޑރ ޝަހީމް ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ގާއިމު ކުރާ ހައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން 1446 ވަނަ އަހަރު ހައްޖު މިނިސްޓްރީން ބާއްވާ ހައްޖު މައުރަޒުގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ހައްޖުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ޓަކައި އިސްލާމީ ގައުމުތަކާ ގުޅިގެން ސައޫދީ ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުގައި ސައުދީ ހައްޖު މިނިސްޓަރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާން ހަމަޖައްސަވާފައިވާ ކަމަށެވެ. އެއީ ކޮން މަޝްވަރާތަކެއް ކަމެއް އިސްލާމިކް މިނިސްޓްރީން ނުބުނެއެވެ.
ޑރ. ޝަހީމް ސައުދީއަށް ވަޑައިގެންފައިވާއިރު، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި ހަމަ އެހެންމެ، ހައްޖާ ގުޅޭ ގަވައިދުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާން ސަރުކާރުން ވަނީ ނިންމައިފައެވެ. އެ ގޮތުން ފަރުޟު ހައްޖު އަދާކުރާން ޖެހޭ މީހުނަށް އިސްކަން ދިއުމާއި، އުމުރު މަތީ މީހުނަށް އިސްކަން ދޭ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.