ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ގއ. ކޮނޑޭ/ ފޮޅޭމާގެ، ތަހުމީން އަހުމަދަކީ އޭނާ އަމިއްލައަށް ލިޔެގެން އުޅޭ ހުތުބާއަކުން ކައިވެނިކޮށްދޭ މީހެއް ކަމަށް މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ ބުނެފިއެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން ދައުލަތުން ވަނީ ތަހުމީންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ތަހުމީންއާ ދެކޮޅަށް ހުށަހަޅައިފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފައެވެ.
ފުރަތަމަ ހެކިބަސް ދީފައިވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ތިހާމީއެވެ. ހެކިބަސް ދެމުން ތިހާމީ ބުނީ ތަހުމީން ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކުރުމަށްދިޔަ ޓީމުގައި އޭނާ ހިމެނޭ ކަމަށެވެ. ތަހުމީން ދިރިއުޅެނީ ރެހެންދި ސްކޫލުގެ ފުރަގަހަށް ހުންނަ ގޯޅިއެއްގައި ހުންނަ އެޕާޓްމެންޓެއްގައި ކަމަށެވެ. އެ އެޕާޓްމެންޓް ބަލައިފާސްކުރި އިރު، 32 ޖީބީ މައިކްރޯ އެސްޑީ ކާޑެއް، އެއް ޖީބީ މައިކްރޯ ކާޑެއް، ތަޅުދަނޑި ފައްޗެއް، ދީނީ ލިޔުންތަކެއް އަދި ހުތުބާއެއް ފެނިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 32 ޖީބީގެ އެސްއެސްޑީ ކާޑަކީ ތަހުމީންގެ އެއްޗެއް ކަމަށާއި އެއް ޖީބީ މައިކްރޯ ކާޑަކީ އަންހެނުންގެ އެއްޗެއް ކަމަށާއި ތަޅުދަނޑި ފައްޗަކީ ރައްޓެއްސެއްގެ އެއްޗެއް ކަމަށް ތަހުމީން ބުނެފައިވާ ކަމަށް ތިހާމީ ބުންޏެވެ. އަދި ހުތުބާއަކީ ކައިވެނިކޮށްދިނުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި އެއް ކައިވެނި ކޮށްދީފައިވާނެ ކަމަށް ތަހުމީން ބުނެފައިވާ ކަމަށް ތިހާމީ ބުންޏެވެ. ތަހުމީން އެ ވާހަކަތައް ބުނެފައިވަނީ ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ތިހާމީ ބުންޏެވެ.
ތިހާމީ ބުނީ އެޕާޓްމެންޓުން ހުވާވޭ ބްރޭންޑުގެ ފޯނަކާއި ސިމް ކާޑެއްގެ އިތުރުން ސިމްލައްވަން ބޭނުންކުރާ އެއްޗެއް ފެނިފައިވާ ކަމަށެވެ. އަދި އެޕާޓްމެންޓުގެ ސިޑިދަށުން ކަޅުކުލައިގެ ހެލްމެޓަކާއި ފަގުޑިއެއް ބަލައިފާސްކުރުމުގެ ތެރެއިން ފެނުމުން އެއީ ތިމަންނާގެ އެއްޗެހި ކަަމަށް ތަހުމީން ބުނެފައިވާ ކަމަށް ތިހާމީ ބުންޏެވެ. މީގެ އިތުރުން އިމާރާތުގެ ސިޑި ދަށުން 1410 ޖަހައިފައިވާ ސައިކަލެއްގެ ނަމްބަރު ބޯޑު ފެނުމުން އެއީ ތިމަންނާގެ އެއްޗެއް ނޫން ކަމަށް ތަހުމީން މައުލޫމާތު ދިން ކަމަށް ތިހާމީ ބުންޏެވެ.
ތަހުމީން ދިރިއުޅޭ އެޕާޓްމެންޓް ހުންނަ ބިލްޑިންގައި ލިފްޓެއް ނުހުންނާނެ ކަމަށާއި ފަގުޑި، ނަންބަރު ބޯޑު ފެނިފައިވާ ސިޑި ގޮޅިއަކީ ކޮންމެ މީހަކަށް ވެސް ވަދެ ނިކުމެވޭގޮތަށް ހުރި ތަނެއް ކަމަށެވެ. ތަހުމީން އުޅެނީ އެ އިމާރާތުގެ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން އޭނާގެ އަންހެނުންނާ އެއްކޮށް ކަމަށް ތިހާމީ ބުންޏެވެ.
އެޕާޓްމެންޓް ބަލައިފާސްކުރި އިރު، ވީޑިއޯ ކޮށްފައިނުވާނެ ކަމަށާއި ނަމަވެސް ފޮރެންސިކުން އެވިޑެންސްތަކުގެ ފޮޓޯ ނަގައިފައިވާނެ ކަމަށެވެ. އިމާރާތުގެ ސިޑަދަށް ބަލައިފާސްކުރީ ކޮން ގަތަކުން ލިބުނު މައުލޫމާތަކާ ގުޅިގެންކަން ހާމަނުކުރެވޭނެ ކަމަށް ތިހާމީ ބުންޏެވެ. އެއީ ސިއްރު ކުރެވިފައިވާ ފަރާތަކުން ދިން މައުލޫމާތެއް ކަމަށެވެ. އަދި ބުނީ އޭނާ މަސައްކަތްކުރަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގައި ކަމަށާއި ކޮންމެ އެވިޑެންސެއް ސީޒް ކޮށްފައިވަނީ ވަކިވަކި އެވިޑެންސް ބޭގުތަކަށް އަޅައިގެން ކަމަށެވެ.
މައްސަލައިގެ ދެވަނަ ހެކިވެރިޔާ ހެކިބަސް ދެމުން ބުނީ އޭނާއަކީ ތަހުމީން ހައްޔަރުކުރި ފަރާތް ކަމަށާއި މައްސަލައާ ގުޅިގެން ތަހުމީންގެ ބަޔާންތައް ނަގައިފައިވާނެ ކަމަށެވެ. އަދި ތަހުމީން ހައްޔަރުކުރުމުގެ ކުރިން ގާނޫނީ އިންޒާރުދީފައިވާނެ ކަމަށެވެ. ތަހުމީން ހައްޔަރުކުރުމަށްފަހު އޭނާ ގެންދިޔައީ އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ކަމަށާއި އެއަށްފަހު ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. ތަހުމީން ހައްޔަރުކުރީ އިންޓެލިޖެންސުން އޭނާ ލޮކޭޓް ކުރުމުން ކަމަށާއި މިފަދަ މައްސަލަތަކުގައި ތުހުމަތުވާ ފަރާތްތަައް އެންމެ ފުރަތަމަ ލޮކޭޓް ކުރާނީ އިންޓެލިޖެންސުން ކަމަށެވެ. އަދި ލޮކޭޓް ކުރެވުމުން އެ ފަރާތެއް ހައްޔަރުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.
ހެކިވެރިޔާ ބުނީ ބަލައިފާސްކުރުމުގެ ކުރިން ފޮރެންސިކުން މުޅި އެޕާޓްމެންޓުގެ ފޮޓޯ ނަގައިފައިވާނެ ކަމަށެވެ. އަދި ކޮންމެ އެވިޑެންސެއްގެ ވަކި ފޮޓޯއެއް ނަގައިފައިވާނެ ކަމަށެވެ. ހެކިވެރިޔާ ބުނީ އެޕާޓްމެންޓު ބަލައިފާސްކުރުމުގެ ތެރެއިން އެސްޑީ ކާޑުތަކެއް، ހުވާވޭ ފޯނެއް އަދި ސިމްލައްވާ އެއްޗެއް ފެނުނު ކަމަށެވެ. އިމާރާތުގެ ސިޑިދަށުން ފަގުޑިއަކާއި ހެލްމެޓަކާއި 1410 ޖަހައިފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ފެނިފައިވާނެ ކަމަށެވެ.
ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު އެއްޗެހި ނޯޓު ކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. އެޕާޓްމެންޓް ބަލައިފާސްކުރަން ދިޔައީ މައްސަލައާ ގުޅުންހުރި ހެކި ހޯދުމަށް ކަމަށާއި ބޮޑަށް ދިޔައީ ކިތާބީ ހެކިތައް ހޯދަން ކަމަށެވެ.
ދެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން ދައުލަތުން ވަނީ މައްސަލައާ ގުޅިގެން ހުށަހަޅައިފައިވާ އިތުރު ހެކިވެރިއެއް ކަމަށްވާ އާދަމް މިއާޒުގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިޔުމަށް އެދިފައެވެ. އެއީ މިއަދުގެ ހެކިބަސް ނެގި ދެ ހެކިވެރިންގެ ފަރާތުން ބޭނުންވާ މައުލޫމާތު ލިބިފައިވާތީ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ދިފާއުން އެކަމަށް އިއުތިރާޒު ނުކުރުމުން ގާޒީ ވަނީ ދައުލަތުން އެދުނު ގޮތަށް އެ ހެކިވެރިޔާގެ ހެކިބަސް ނުނެގުމަށް ނިންމައިފައެވެ.
މި މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބު ވިދާޅުވީ މި މައްސަލައިގެ ތިން އަޑުއެހުމެއް އަންނަ މަހުގައި ބާއްވާނެ ކަމަށެވެ. އަޑުއެހުންތައް ބާއްވާނީ ހުރިހާ ވަކީލުންނަށް ހާޒިރުވެވޭނެ ދުވަހެއްގައި ކަމަށް ގާޒީ ވިދާޅުވިއެވެ.