ޚަބަރު

ރާއްޖެއާއި ފްރާންސްގެ އެކުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ރާއްޖެއާއި ފްރާންސްގެ އެކުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯން ޔީވް ލެ-ޑްރިއަން އަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ފްރާންސް އާދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާތާ 50 އަހަރު ފުރުމުން މިނސްޓަރު ޝާހިދު ފްރާންސްގެ މިނިސްޓަރ ލެ-ޑްރިއަން އަށް ތަހުނިޔާގެ މެސެޖު ފޮނުއްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މި މެސެޖުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ދުވަހުގެ ތަހުނިޔާ ފްރާންސްގެ ރައްޔިތުންނާއި ސަރުކާރަށް ވަނީ ފޮނުއްވައިފައެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ރަނގަޅުވެ، އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ އެކި މައިދާނުތަކުގައި އެހެން ގައުމުތަކާއެކު ވާ އެއްބަސްވުންތަކުގައި ފްރާންސްގެ އެހީތެރިކަން ލިބެމުންއަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެގައުމުގެ އެކުވެރިކަން ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.