ފަރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު 25 އަހަރަށް ޖަލަށްލުމަށް ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަލަށް ލައިފައިވަނީ ޅ. ކުރެންދޫ، އަބްހަރުގެ، ހުސައިން ހަލީމެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
ހުސައިން ހަލީމް، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރަމުންދާކަމުގެ ތުހުމަތުގައި 2020 ޖޫން 20 ގައި ހައްޔަރުކުރިއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކުރެންދޫ ފަޅުތެރޭގައި އޮތް މަސްލޯންޗަކުންނެވެ. ނަސީރު ހައްޔަރުކޮށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައިވަނިކޮށް، އޭނާ އިށީނދެ އިން ގޮނޑި ކައިރިން ކަޅު އަދި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ފުލުހުންނަށް ފެނުނެވެ. އެއާ ގުޅޭގޮތުން ފުލުހުން ސުވާލުކުރުމުން، އެއީ ފުރަގަސްފަރާތުގައި ރައްކާކޮށްފައިވާ އެއްޗެއް ކަމަށާއި އެ އެތި ބޮކްސާ ތެރެއަށް ވެއްޓުމުން އިށީދެ އިން ގޮނޑި ކައިރިއަށް ވައްޓާލީ ކަމަށް ހުސައިން ހަލީމް ބުނެފައިވެއެވެ.
ގޮނޑިކައިރިން ނެގި އެތި ބެލި އިރު، އެއީ މަސްތުވާތަކެތި ކަމަށް ބެލެވޭ ހަ ރަބަރު ޕެކެޓު އޮތް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ހަ ރަބަރު ޕެކެޓުގެ އިތުރުން ފަސް ރަބަރު ޕެކެޓެއް ފުރަގަސްފަރާތުގައިވާނެ ކަމަށް ހުސައިން ހަލީމް ބުނުމުން ފުލުހުން ވަނީ "އިންޓިމޭޓް ސާޗް" އަމުރެއް ހޯދުމަށްފަހު، ހުސައިން ހަލީމް ޑޮކްޓަރަކަށް އެކްސްރޭ ނަގައި ފަސޭހައިން ބޭސް ދީފައެވެ. ހުސައިން ހަލީމު ބޮޑު ކަމުދިޔުމުން، އޭނާ ކުރިން ބުނިހެން އޭނާގެ ފުރަގަސްފަރާތުން ކަޅު އަދި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ފަސް ރަބަރު ޕެކެޓު ވެއްޓުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ހުސައިން ހަލީމުގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ހުކުމް ހުސައިން ހަލީމުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހެއްގެ ޖިންސީ ގުނަވަން ބަލައިފާސްކުރުމަށާއި، ފޮޓޯ ނެގުމާއި ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މައްސަލައިގައި ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިން ދީފައިވާ ހެކިބަހުގައި ޖިންސީ ގުނަވަން ބަލައި ފާސްކުރުމަށްޓަކައި ކޯޓު އަމުރެއް ހޯދާފައިވާކަމަށް ބުނެފައިވީނަމަވެސް، އެ އަމުރު ދައްކާފައި ނުވާ ކަމަށް ހުސައިން ހަލީމުގެ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުސައިން ހަލީމުގެ ފަރާތުން ބުނެފައިވަނީ އޭނާގެ ބެލުމުގެ ދަށުގައި އޮތް މަސްތުވާ އެއްވެސް އެއްޗެއް ފެނިފައިނުވާކަން ތަހުގީގު މަރުހަލާގައާއި ދަށު ކޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
"ފޯލިއޯ ނަންބަރު 16 ގައިވާ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގެ އެއްވެސް ސަފްހާއަކުން އިސްތިއުނާފުކުރާ ފަރާތުން އިށީނދެ އިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަން ރިސެޕްޝަން ގޮނޑި ދަށަށް ވައްޓާލިކަމުގައި ބުނާ މުސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތީގެ ފޮޓޯއެއްވެސް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ޕްރޮސިކިއުޝަނުން އެ ބުނާ ބުނުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.،" ހުސައިން ހަލީމް ބުނެފައިވެއެވެ.
ހުސައިން ހަލީމުގެ ފަރާތުން އެދިފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ. ނަމަވެސް އެ ހުކުމް ދަމަހައްޓަން ޖެހޭކަން ފާހަގަކުރައްވައި އިސްތިއުނާފީ ނުކުތާގެ ރައްދުގައި ދައުލަތުން ވިދާޅުވެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު ތެރޭގައި ފޮރުވާފައިވާ އެއްޗެއް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު އެކްސްރޭކޮށް ބަލައި ފާސްކޮށް، ފޮޓޯ ނަގާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމާ މެދު ސުވާލެއް ނެތް ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ގާނޫނާ ހިލާފަށް ހޯދި ހެކި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާ ވާހަކައަކީ ގާނޫނީ އަސާސެއް އަދި ބަހުސެއް ނެތް ވާހަކަތަކެއް ކަމަށާއި ހަށިގަނޑު ތެރެއިން ސާމްޕަލް ނެގުމުގެ ކުރިން އެ އަމުރު އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ނުވަތަ ހޮސްޕިޓަލަށް ގެންދަންޖެހޭ ނުވަތަ ޑޮކްޓަރަށް އެ އަމުރު ދައްކަންޖެހޭ އަދި ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނަގާ ވަގުތު ނުވަތަ ބަލައި ފާސްކުރާ ވަގުތު އެކަން ތަންފީޒުކުރަން ތިބި ފުލުހުންގެ އަތުގައި އަމުރު އޮންނަންޖެހޭ ގާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
"ދައުލަތުން ހުށަހެޅި ފޮޓޯ ރިޕޯޓަށް ބެލުމުން މި މައްސަލައިގައި ހެކިން ހެކިބަސް ދިން ފަދައިން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ އެއްޗެއް ފެނިފައިވަނީ އިސްތިއުނާފުކުރާ ފަރާތް އިށީނދެގެން އިން ގޮނޑިކައިރިން ކަމަށާއ،ި އޭގައި ބޮޑުކަމުދާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރިކަން އެނގޭ ކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތް ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު ފަދަ އެއްޗެއް އަދި ބޮޑުކަމުދާތަކެތި ހޭކިފައިވެސް އޮތް އެއްޗެއް މީނާ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގައި އިށީނދެގެން އިން ގޮނޑީގެ ކައިރިން ފެނުމަކީ އިއްތިފާގެއް ނޫން ކަމަށާއި، އެއީ އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުގައި އޮތް އިސްތިއުނާފުކުރާ ފަރާތް ގެންގުޅުނު އެއްޗެއްކަމަށް ބަލައި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނީ ނުވަތަ ޝަރުއީ އުސޫލަކާއި ހިލާފަށް ނޫން ކަމަށެވެ..،" ދައުލަތުން ވިދާޅުވެފައިވެއެވެ.
ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒު މައްސަލައިގެ ހުކުމުގެ ރައުޔުގައި ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނެތި މީހަކު ބަލައިފާސް ނުކުރެވޭނެ ކަމަށެވެ. މީހަކު ބަލައިފާސްކުރާނެ އަސާސީ ހަމަތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ "ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ގަވާއިދުގައިވާ ގޮތުން މީހެއްގެ ރުހުން އޮވެއްޖެނަމަ ބަލައިފާސްކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި ރުހުން ނެތް ނަމަވެސް ވަކި ހާލަތެއްގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ބަލައިފާސްކުރެވޭނެ ކަމަށެވެ.
އެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުން ތިން ވައްތަރެއްގެ ބަލައިފާސްކުރުމެއްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ފުރަަތަމަ ވައްތަރަކީ "ޕެޓް ޑައުން ސާޗް" ކަމަށާއި ގާނޫނުގައި އެ ބާވަތުގެ ބަލައިފާސްކުރުން ކަމަށް ބަޔާންކުރަނީ "އޭނާ ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައިފާސްކުރުން" ކަމަށެވެ. އެއީ އާންމު އުސޫލުން މީހަކު ބަލައިފާސްކުރަން ޖެހޭ ގޮތް ކަމަށާއި އެ ބާވަތުގެ ބަލައިފާސްކުރުމުގައި "އެމީހެއްގެ ޖިންސީ ގުނަވަނާއި އެހެން ތަންތަނަށް، ލައިގެން ހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން" ހިމެނޭ ކަމަށެވެ. ދެވަނަ ގޮތަކީ "ސްޓްރިޕް ސާޗު" ކަމަށާއި އެ ބާވަތުގެ ބަލައިފާސްކުރުމަކީ މީހަކު ލައިގެން ހުންނަ އަންނައުނު ހިއްލައިގެން ނުވަތަ ބާލުވައިގެން، އޭނާގެ ހަށިގަނޑު ބަލައިފާސްކުރުން ކަމަށެވެ. މި ބާވަތުގެ ބަލައިފާސްކުރުމަށް ކޯޓު އަމުރެއް ހޯދަންވާނެ ކަމަށެވެ.
"އިންޓިމޭޓް ސާޗް" އަކީ ކޮބައިކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށާއި ނަމަވެސް މިއީ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މިކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ "އިންވޭސިވް ސާޗް"އަކީ ހައްޔަރުކޮށް ބަންދުގައި ހުންނަ މީހާގެ ހަށިގަނޑުގެ އެތެރޭގައި ނޫނީ ހަށިގަނޑުގައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ގުނަވަނެއްގެ އެތެރޭގައި ހެއްކެއް، މުދަލެއް، ގާނޫނާ ހިލާފު އެއްޗެއް ރައްކާކޮށްފައިވޭތޯ ބެލުމާއި އެ އެއްޗެއް ނެގުމަށް ބަލައި ފާސްކުރާ ކުރުން ކަމަށެވެ. އުސޫލެއްގެ ގޮތުން ބައެއް ޖުރިސްޑިކްޝަންތަކުގައި އިންސާނާގެ އަނގަ ފިޔަވައި، އަނެއްބައި ޖުރިސްޑިކްޝަންތަކުގައި އަނގަޔާއި ނޭފަތާއި ކަންފަތް ފިޔަވައި، އިންސާނާގެ ހަށިގަނޑުން ހުޅުވިފައި ހުންނަ ދޮރުތައް އަމަލީގޮތުން ބަލައިފާސްކުރުން ކަމަށެވެ. މިއީ ކޯޓު އަމުރު ބޭނުންވާ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި ކޯޓުން އަމުރު ކޮށްފައިވަނީ ހުސައިން ހަލީމުގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިތޯ ބެލުމަށް ޖިންސީ ގުނަވަން ބަލައިފާސްކޮށް ފޮޓޯނަގައި އަދި ހަށިގަނޑުގެ އެކްސްރޭ ނަގައި ހެކި ހޯދުމަށް ކަމަށެވެ. އެކަން ކުރުމުގެ ގޮތުން ސްޓްރިޕް ސަާޗެއް ނުވަތަ އިންޓިމޭޓް ސާޗެއް ނޫނީ އިންވޭސިވް ސާޗެއް ހެދިކަން އެނގޭކަށް ނެތް ކަމަށާއި ހުސައިން ހަލީމްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ބޮނޑިވަރެއް ރައްކާކޮށްފައި އޮންނާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ދީފައިވާތީ، އިންޓިމޭޓް ސާޗެއް ނޫނީ އިންވޭސިވް ސާޗެއް ހަދަންޖެހޭ އިތުރު ސަބަބެއް ނެތުމުން އެކަން ޔަގީންކުރުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ ޑޮކްޓަރަށް ދައްކައިގެން އެކްސްރޭ ނެގުން ކަަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ހައްޔަރުކޮށް ބަންދުގައި ހުރި މީހެއްގެ ހަށިގަނޑުގެ އެކްސްރޭ ނެގުމަށްޓަކައި އަމަލު ކުރަންޖެހޭ އިޖުރާއަތާއި އިންވޭސިވް ސާޗެއް ހެދުމަށް އަމަލު ކުރަންޖެހޭ އިޖުރާއަތް އެއްގޮތްވުމުގެ މާނައަކީ އެކްސްރޭ ނެގުމަކީ އިންވޭސިވް ސާޗެއް ކަމަށް ވުމެއް ނޫނެވެ. ހުސައިން ހަލީމް ޑޮކްޓަރަށް ދެއްކީ ހުސައިން ހަލީމްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ބުނެގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ގާނޫނާއި ގަވާއިދުގައި މިފަދަ އަމުރެއް މުއްތަހަމަށް ދައްކަންޖެހޭ ކަމަށް ބަޔާނެއް ނުކުރެއެވެ. އޭނާ ރުހުން ނުދިނަސް ކޯޓު އަމުރެއްގެ ދަށުން އެ އަމުރުގައިވާ ގޮތަށް ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަ މީހާގެ އިންޓިމޭޓް ސާޗް އަދި އިންވޭސިވް ސާޗް ހެދޭނެއެވެ. އަދި ތަހުގީގާ ގުޅިގެން އޭނާގެ ހަށިގަނޑުގެ އެތެރޭގައި އޮތް އެއްޗެއް ނެގުމަށްޓަކައި ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނަގައި އިޖުރާއަތާ އެއްގޮތަށް އެ އެއްޗެއް އޭނާގެ ހަށިގަނޑުން ނެގޭނެއެވެ.،" ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން ހުސައިން ހަލީމުގެ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްފައިވާ މަސްތުވާތަކެތި ފުލުހުން ހޯދީ ގާނޫނާ އެއްގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"މި ދައުވާގައި ބަޔާންކުރާ މަސްތުވާތަކެތީގެ ހިޔާޒަތު (ބެލުމުގެ ދަށުގައި) ހުސައިން ހަލީމާ ގުޅުމެއް ނެތްކަމަށް ހުސައިން ހަލީމުގެ ފަރާތުން މި ބުނާ ބުނުމަކީ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ބުނާ ބުނުމެވެ. ހުސައިން ހަލީމް އިން ގޮނޑިދަށުން ފެނުނު މަސްތުވާތަކެއްޗާއި ހުސައިން ހަލީމު ބޮޑުކަމުދިއުމުން ވެއްޓުނު ތަކެއްޗާއި ބަންދުކޮށްފައިވާ ގޮތަށް ބަލާއިރު އެ ދެ އެތީގައި ވެސް ހުރީ ކަޅާއި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅައިފައެވެ. ގޮނޑިދަށުން ފެނުނު ބޮނޑިވަރުގައި އޮތީ 06 ޕެކެޓެވެ. ހުސައިން ހަލީމްގެ ހަށިގަނޑުގައި އަދި 05 ޕެކެޓް ރައްކާކޮށްފައި ވާނެކަމަށް ހުސައިން ހަލީމް މައުލޫމާތު ދިން އިރު، ހުސައިން ހަލީމް ބޮޑުކަމުދިއުމުން ވެއްޓުނު ބޮޑިވަރު ނިއުޅައި ބެލިއިރު އޭގައި ހަމަ އޮތީ 05 ޕެކެޓެވެ. ވީމާ، ހުސައިން ހަލީމްއާ މިތަކެތީގެ ހިޔާޒަތު ނުގުޅުވޭނެ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ.،" ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ނިޔާޒު ރައުޔު ކަނޑައެޅުއްވީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއިދު ކުރެއްވިއެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާާގުން ފަނޑިޔާރު ނިޔާޒު ކުރެއްވި މައްސަލައިގެ ހުކުމުގައި ވިދާޅުވީ ހުސައިން ހަލީމުގެ ފަރާތުން ހުށަހަޅައިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމްކުރާ ކަމަށެވެ.