ޚަބަރު

އެއާ އަރަބިއާ އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

މެދުއިރުމަތީ އަދި އުތުރު އެފްރިކާގެ އެއާލައިން، އެއާ އަރަބިއާ އިން ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށައިފައެވެ.

އެއާ އަރަބިއާ އިން ރާއްޖެއަށް ފުރަތަމަ ސީދާ ދަތުރުކޮށްފައިވަނީ މިއަދުއެވެ. އެ އެއާލައިންގެ ފުލައިޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވައި، މަރުހަބާ ކިޔައިފައެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޔޫއޭއީގެ ޝަރްޖާހް އެއާޕޯޓުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ގައި ދަތުރު ފަށާ އިރު، ވީއައިއޭ އިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:40 ގައެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 ގެ ބޯޓެއްގައެވެ.

އެކަމާ ގުޅޭގޮތުން އެއާ އަރަބިއާގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ ރާއްޖެއަށް ދަތުރުތައް ފެށުމަކީ އެ އެއާލައިން އިތުރަށް ފުޅާކުރުމަށް ހުޅުވުނު އާ ސަފުހާއެއް ކަމަށާއި ކަސްޓަމަރުންނަށް ރާއްޖޭގެ ރީތިކަން ދައްކާލުމަށް ފުރުސަތު ތަނަވަސްކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ހެޔޮ އަގެއްގައި އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭއަށް އިތުރު ފުރުސަތުތަކެއް ތަނަވަސްގެންދިއުމަކީ ލިބޭ އުފަލެއް ކަމަށާއި އެކަމުގެ ސަބަބުން މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

އެއާ އަރަބިއާގެ ފްލީޓުގައި 77 ބޯޓު ހިމެނެއެވެ. އެ އެއާލައިންގެ ދަތުރުތަކުގައި އެއާބަސް އޭ320 ގެ އިތުރުން އެއާބަސް އޭ321 ގެ ބޯޓުތައް ވެސް ބޭނުންކުރެއެވެ.