ޚަބަރު

ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ލަންކާގެ ފޮރިން މިނިސްޓަރު

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެގައުމުގެ ފޮރިން މިނިސްޓަރު ތިލަކް މަރަޕަނާ ދެއްވައިފިއެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ދެއްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ފޯނުން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދު ވަނީ ލަންކާގެ މަޝްރަހާ ގުޅޭ ގޮތުންނާއި އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންކަމާމެދު މަޝްވަރާކުރައްވައިފައެވެ. އޭގެ އިތުރުން ސްރީލަންކާގެ އާރމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ދިވެހިރާއްޖެއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ގޮތުން ވެސް ވާހަކަދެއްކެވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކައިގައި ސްރީލަންކާގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސްރީލަންކާއަށް ދިމާވެފައިވާ މި ހާލަތުގައި އެގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދެންނެވިއެވެ. އަދި މީގެ އިތުރުން އެ ހަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާ ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު ވަނީ މިއަދުވެސް އަރުވައިފައެވެ.