ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއް ބަލައިފާސްކޮށް 1،224 ބަނގުރާދަޅު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ ސަފާރީ ބަލައިފާސްކޮށްފައި ވަނީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
"އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާ ސްކުރި އިރު 1،224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންނާ ސުވާލުކުރުމަށްފަހު އެ މީހުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.