ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ހުސެން އަބްދުއްރަހްމާންގެ ފަނޑިޔާރު ހެދުންކޮޅު އެ މަނިކުފާނަށް މިއަދު ހައި ކޯޓުން ހަދިޔާކޮށްފިއެވެ.
ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ބައްޕާފުޅުގެ ހެދުންކޮޅު ރައީސް މުއިއްޒުއަށް އެރުވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދެވެ.
އެ ރަސްމިއްޔާތުގައި ވަނީ، ހައި ކޯޓަށާއި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވައި، ހުސެން އަބްދުއްރަހްމާންގެ ހަނދާނަށް ރަމްޒީ ފިލައެއް ވެސް ހަވާލުކޮށްފައެވެ.
ހއ. ވަށަފަރަށް އުފަން ހުސެން އަބްދުއްރަހްމާނަކީ، ރާއްޖޭގައި ފުރަތަމަ ހައި ކޯޓު އުފެއްދުމާ އެކު އައްޔަންކުރެއްވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެވެ. އެ މަނިކުފާނު އަވަހާރަވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން އުޅުއްވަނިކޮށް، 2015ގަ އެވެ.