ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސީގައި ކުޅުނު ފަހު މެޗުގައި ހޯސްޓް ޗައިނާ ކައިރިން ވެސް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ޗައިނާގެ ޑަލިއަންގައި ކުރިއަށްދާ އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗު، ޗައިނާއިން ކާމިޔާބުކުރީ 9-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން މިފަހަރު ކޮލިފިކޭޝަންގެ ފުރަތަމަ ދެ މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެގޮތުން ބޫޓާން ކައިރިން 2-2 އިން އެއްވަރު ކުރި އިރު، ބަހްރެއިން ކައިރިން ބަލިވީ 1-0 އިންނެވެ.
އެހިސާބުން ރާއްޖެއަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ. އެގޮތުން ޓީމުގެ ކެޕްޓަން، އަދި އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާނާއި ޔޫސުފް އަޔާން އާމިރަށް ވެސް އަނިޔާވެ، ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވީ 13-0 ގެ ނަތީޖާއަކުންނެވެ. އޭގެފަހުން ޗައިނާ އަތުންވެސް އިއްޔެ ބޮޑުކޮށް ބަލިވިއެވެ.
އިއްޔެގެ މެޗުގައި ޗައިނާގެ ޔޭންގް ގިއަންޑޮންގް ހެޓްރިކް ފުރިހަމަ ކުރި އިރު، ވެއި ޒިއަންޒިން ދެ ގޯލު ޖެހިއެވެ. ދެން ގޯލުތައް ޖެހީ ވެން ޒަންލިން، ޒޭންގް ޗެންގްރޫ، ބުންޔަމިން އަބްދުއްސަލާމް އަދި ބިއާން ޔުލާންގެވެ.
ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން މިފަހަރު މުބާރާތަށް ނުކުތީ ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ. ދާދިފަހުން އޮތް ސާފް 17 އަހަރުން ދަށުގެ މުބާރާތުގައިވެސް ޓީމު ވާދަކޮށްފައިވާ އިރު، އެ މުބާރާތުގައިވެސް ޓީމަށް އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.