އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 24 މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިއަދު މޯލްޑިވްސް އިމިގްރޭޝަންއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގިނަ މަޝްރޫއުތަކަކަށް ބިދޭސީން ގެނައުމުގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅިފައިވުމާއި، އެ މައްސަލަތަކުގައި އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާ ގުޅިގެން އިމިގްރޭޝަނުން ދިރާސާކުރަމުން ގެންދިޔަ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ދިރާސާކޮށް އެމައްސަލަ ތަހުގީގު ކުރުމަށް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށް ފޮނުވުނީ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ލިބެންހުރި ތަހުގީގަށް ބޭނުންވާނެ އެންމެހައި މައުލޫމާތުތަކާއެކު ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އިމިގްރޭޝަނުން ބުނީ އެގޮތުން 24 ކުންފުނީގެ އިސްވެރިންނާއި، ތުހުމަތުކުރެވޭ ކަންކަމުގައި ޝާމިލުވެފައިވާ ކަމަށް ބެލެވޭ އެންމެހައި ފަރުދުންގެ މައުލޫމާތުވެސް ފުލުހުންނަށް ހިއްސާކޮށްފައިވާ ކަމުގައެވެ.
މައްސަލަތަކުގެ ތަހުގީގު ނިމެންދެން، މި 24 ކުންފުނީގެ ހިއްސާދާރުންނާއި، މި މައްސަލަތަކާއި، ގުޅުންހުރި އެންމެހައި ހިދުމަތްތަކެއް މެދުކަނޑާލާފައިވާނެ ކަމަށާއި، އެފަރާތްތަކުގެ އިތުރުން ބިދޭސީންނާ ގުޅުންހުރި އެފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އިމިގްރޭޝަނުން ދިރާސާ ކުރަމުންގެންދާ އެންމެހައި ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓާ ހިއްސާކޮށްފައިވާ ކަމަށް އިމިގުރޭޝަނުން ބުނެއެވެ.