ޚަބަރު

އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް "ބިޒްނަސް ޕާޓްނާ އެވޯޑްސް" ދީފި

އުރީދޫ މޯލްޑިވްސްގެ ވިޔަފާރީގެ ބައިވެރިންގެ އަގުވަޒަންކޮށް ފާހަގަކުރުމުގެ ގޮތުން "ބިޒްނަސް ޕާޓްނާ އެވޯޑު" ދީ، ގާލާ ނައިޓެއް ބާއްވައިފިއެވެ.

އުރީދޫން މިއަދު ބުނީ އެ ގަލާ ނައިޓާއި އެވޯޑް ދިނުން ބާއްވާފައިވަނީ އުރީދޫގެ މައި އޮފީހުގައި މިދިޔަ މިމަހުގެ 16 ގައި ކަމަށެވެ. އުރީދޫން ބުނީ އެ ހަފުލާގައި އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގުވަޒަންކޮށް، އުފެއްދުންތެރި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އަދި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެ ހަފުލާ ފަށައިފައިވަނީ އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެމުން ކަމަށް އުރީދޫން ބުންޏެވެ. އެ ޕާޓްނަރުންގެ އިހްލާސްތެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން އުރީދޫގެ ކާމިޔާބީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ވަނީ ކްލަބު ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުން ފަދަ ގިނަ ގޮތްގޮތުން އުރީދޫއާއެކު މަސައްކަތްކޮށްފައިވާ ޕާޓްނަރުންގެ އަގުވަޒަން ކޮށްފައެވެ.

އެންމެ މަތީ ފަންތީގެ، ބެސްޓް ބިޒްނަސް ޕާޓްނަރުގެ އެވޯޑް ދީފައިވަނީ ސޭލްސް އެންޑް ސާވިސް އިން ފެށިގެން އިނޮވޭޝަން އަދި ކަސްޓަމަރުންގެ ތަޖުރިބާއާ ހަމައަށް ހުރިހާ ދާއިރާއަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ޕާޓްނަރަށެވެ. އެ ޕާޓްނަރަކީ އުރީދޫގެ އަސާސްތަކާއި މިޝަންގެ ނަމޫނާ ދައްކައި، އެއްބަޔަކު އަނެއް ބަޔަކަށް ކާމިޔާބީ ހޯދައިދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ޕާޓްނަރެއް ކަމަށް އުރީދޫން ބުންޏެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ހުރިހާ ޕާޓްނަރުން ގުޅިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ.

"ތިޔަބޭފުޅުންގެ ވައުދުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ހިދްމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ، އިނޮވޭޓްކޮށް، ކުރިއެރުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ އެ ހަފުލާ ނިންމާލައިފައިވަނީ މުނިފޫހިފިލުވުމާއި ނެޓްވޯކިންއާ އެކު ކުރިއަށްއޮތް އަހަރުތަކުގައި ވެސް ދެމެހެއްޓެނިވި ކާމިޔާބީއާއި ވަރުގަދަ ޕާޓްނާޝިޕްތަކަށް މަގުފަހިކޮށްދީގެން ކަމަށެވެ.

އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން އަދި ސާވިސް އެކްސެލެންސްގެ ރޮނގުތައް ހަރުދަނާކުރުމަށް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރާނެ ކުންފުންޏެއް ކަމަށް އެ ކުންފުނިން ބުންޏެވެ.