ޒަމާނުއްސުރެ ދިވެހިންނަކީ ރޯދަމަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ދިވެހި އަންހެނުންނަކީ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށް އާ އީޖާދުތައް ކުރާ ބައެކެވެ. އެގޮތުން ދޮނަޅަ ބޯކިބަލަކީވެސް އެހާމެ މީރު ތައްޔާރުކޮށްލަން ފަސޭހަ ބާވަތެކެވެ.
ބޭނުންވާނެ ތަކެތި:
ބައި ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފައި)
2 ޖޯޑު ދޮނަޅަ (ފެނުގައި ބަހައްޓައިގެން މަޑުކުރުމަށްފަހު ފުނޑާފައި)
1 ގަނޑު ވަޅޯމަސް
1 ގިތެޔޮ މިރުސް
ބައި ޖޯޑު ކާށި ހުނި
3 ފިޔާ
3 ލޮނުމެދު (ގާނާފައި)
2 ލުނބޯ
1 އިންޗި ހުންނަ ވަރުގެ އިނގުރު (ގާނާފައި)
ހިކަނދިފަތް، ލޮނު، ރީނދޫ،
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަނޑޫކޮޅު ދޮވެ ސާފުކޮށްލުމަށްފަހު ފުނޑާލާށެވެ. ދެން މަސް، ފިޔާ ހިކަނދިފަތް، ކޮށާލާށެވެ. ފިޔާކޮޅުގެ ތެރެއަށް އިނގުރު ލޮނުމެދު ލުނބޯ، ލޮނު، ކުލަ ހިފާވަރަށް ރީނދޫ އަޅައިގެން މޮޑެލާށެވެ. އޭގެ ފަހުން މަސްކޮޅު އަޅައި އެއްކޮށްލުމަށްފަހު ހުނި އަޅައި މޮޑެލާށެވެ. މަސްގަނޑު ރަނގަޅަށް މޮޑެވުނީމަ، ހަނޑުލު ފުށް، ދޮނަޅަ ފުށް އަޅައި، ފެން ޖަހައިގެން ރަހަ ހެޔޮވަރުވަންދެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ތަވާގައި ފިހާނަމަ ކުޑަ ތެޔޮފޮދެއް އުނގުޅާލުމަށްފަހު މަޑު ގިނީގައި ފިހާށެވެ.