ގައުމީ ވޮލީބޯޅަ މުބާރާތް

ވެމްކޯއިން ގައުމީ ވޮލީ މުބާރާތް މިލްކުކޮށްފި

1

ގައުމީ އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ވެމްކޯ އިން އަނެއްކާވެސް ހޯދައިފިއެވެ.

ވެމްކޯ އިން މިފަހަރުގެ ތަށި ހޯދީ، ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ ގައުމީ އަންހެން ވޮލީ މުބާރާތުގެ ތަށި ވެމްކޯ އިން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. މި އަހަރުގެ ވޮލީ ލީގުވެސް ކާމިޔާބު ކުރި ވެމްކޯ އިން ރޭ ހޯދި ކާމިޔާބީ އާއެކު އެ ޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ސެޓު 25-23، 25-23 އިން ވެމްކޯ އިން ގެންގޮސްފައި ވަނިކޮށް، ޕޮލިހުން ވަނީ ތިންވަނަ ސެޓު، 25-12 އިން ގެންގޮސްފައެވެ. އެ ސެޓާއެކު ޕޮލިހުން ހަތަރު ވަނަ ސެޓުގައިވެސް ރަނގަޅު ލީޑަކާއެކު ފެށިއެވެ. ނަމަވެސް ވެމްކޯ އިން ވަނީ ޕްރެޝަރުވި ދަނޑިވަޅުގައި ރަނގަޅަށް ޕްރެޝަރު ހެންޑަލްކޮށް، ތަފާތު ދައްކައިފައެވެ. އެ ޓީމުން ތަށި ޔަގީންކުރީ 25-16 އިން ފަހު ސެޓު ގެންގޮސްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކޯވްލޭވާ އިނާއެވެ.

ގައުމީ އަންހެން ވޮލީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ޕޮލިހުގެ ހައްވާ ރާޝިދާއާއި ވެމްކޯގެ ޖޫޒާން ޒަރީރު އަދި އައިޝަތު މާޖިދާ ހޮވުނު އިރު، އެންމެ މޮޅު 19 އަހަރުން ދަށުގެ ކުޅުންތެރިޔަކީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިޝަތު ނަސްމާ އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ވެމްކޯގެ އިނާއެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟