ގައުމީ ވޮލީބޯޅަ މުބާރާތް

ގައުމީ ވޮލީ މުބާރާތް: ވެމްކޯއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ޕޮލިސް

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ވެމްކޯއާ ދެކޮޅަށް ޕޮލިސް ކްލަބުން ނުކުންނަން ޖެހިއްޖެއެވެ.

މިދިޔަ ދެ އަހަރު ވެސް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށް، މިއަހަރު ގައުމީ ވޮލީ ލީގު ވެސް ކާމިޔާބު ކުރި ވެމްކޯއިން ފައިނަލް ޔަގީން ކުރީ ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. ލީގަށް ވެސް ވާދަކުރި ވެމްކޯ އާއި ޕޮލިހުން އިތުރު ފައިނަލަށް ނުކުންނަން ޖެހުނީ ފައިނަލްގެ ދެވަނަ ޖާގަ، ތިންވަނަ ސެމީން މޮޅުވެގެން، ޕޮލިސް ކްލަބުން ހޯދުމުންނެވެ.

ޕޮލިހުން ރޭ ތިންވަނަ ސެމީގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ރޭގެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-20، 25-16 އަދި 25-20 އިންނެވެ.

މެޗުގެ ސެޓުތައް ވާދަވެރިކޮށް ފެނިގެން ދިޔަ ނަމަވެސް، ޕޮލިސް ކްލަބުން ޕްރެޝަރު ހެންޑަލް ކުރުމުގައި ތަފާތު ދެއްކިއެވެ. އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ވިސްނުން ކޯޓު ތެރެއިން ފެނިގެން ދިޔަ އިރު، ކޮންމެ ސެޓެއްގެ ވެސް ފަހުކޮޅަށް ގޮސް ޕޮލިހުން ކޮންޓްރޯލް ނެގިތަން ފެނިގެން ގޮސްފައިވެއެވެ.

ވެމްކޯ އާއި ޕޮލިސް ވާދަކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 8:30ގައެވެ. ގައުމީ ވޮލީ މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައެވެ.