މަސްތުވާތެކެތީގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 927 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަހަރުގެ މިހާތަނަށް ފުލުހުން ހިންގާފައިވާ މަސްތުވާތެކެތީގެ ބޮޑެތި އޮޕްރޭޝަންތަކާއި އަދި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕްރޭޝަންއެއްގައި އަތުލައިގަތް އީރާނުގެ ބޯޓާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މަސްތުވާތެކެތީގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން، 927 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމީހުންގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 111 މީހުން، މަސްތުގެ ހާލަތުގައި 345 މީހުން، މަސްތުވާތަކެތި ޕެޑަލްކުރުމުގެ މައްސަލަތަކުގައި 394 މީހުން، ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅުމުގެ މައްސަލަތަކުގައި 77 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ މުއްދަތު އިތުރުކޮށްދިން މީހުންނަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 91 މީހުންނާއި، މަސްތުވާތަކެތި ޕެޑަލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 91 މީހަކާއި، ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ 29 މީހުންނެވެ.
ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 35 އަންހެނުންނާއި، ނުވަ ކުޑަކުދިންނާއި، 56 ބިދޭސީން ހިމެނޭކަމުގައެވެ. އަދި ޓްރެފިކިންގެ މައްސަލަތަކުގައި މިހާރު ހައްޔަރުގައިތިބީ 23 މީހުންކަމަށާއި، ޓްރެފިކިންގެ މައްސަލަތަކުގައި ކޯޓުތަކުން ދޫވެފައިވާ މީހުންގެ އަދަދަކީ 38 ކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި 10 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މަސްތުވާތެކެތީގެ މައްސަލަތަކުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި 3482 މީހުން ހުއްޓުވައި ސުވާލުކޮށް ބަލާ ފާސްކުރެވުނު ކަމަށާއި އެމުއްދަތުގައި ކޯޓު އަމުރުގެ ދަށުން 49 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.