ރޯދަމަސް

ރަހަފަތް: ފެން ފަތުފޮޅި

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

އެގޮތުން ފެން ފަތުފޮޅިއަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކެއުމަކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ހަނޑޫ ( ކުޑަކޮށް ރާޅުކޮށް ފުނޑާފައިހުރި)

1 ޖޯޑު ކާށި ހުނި

ތައްޔާރުކުރާނެގޮތް:

ހަނޑޫކޮޅު ދޮވެ ސާފުކޮށްލުމަށްފަހު ބޯކިބަލަށް ފުނޑާ މިނުގައި ފުނޑާލާށެވެ. އެއަށްފަހު ކާށި ހުނިކޮޅު އަޅައިގެން ފުށްގަނޑު މޮޑެލާށެވެ. ފެން ފަތުފޮޅި ފިހާނީ ފަތުގައި ޖަހައިގެންނެވެ. މިދިލި ފަތް، ނުވަތަ ދިއްގާފަތުގައި ޖަހައިގެން ފިހުމުން އާދަޔާ ހިލާފަށް މީރުވާނެއެވެ. ތަވާ ދޮންކޮށްލުމަށްފަހު ތަވާމަތީގައި ފަތް ބާއްވައި މޯޅިކޮށްލާށެވެ. އެއަށްފަހު ފަތް މައްޗަށް ފުށްގަނޑުން އެތިކޮޅެއް އަޅައި ދެފުށް ދެފުށަށް ޖަހައިގެން ފިހާށެވެ. ފަތުފޮޅީގެ ބަދަލުގައި ފެން ބޮނޑި ފިހަން ބޭނުންނަމަ، ކެޔޮ ފަތް މަތީގައި ނުވަތަ މިދިލި ފަތް މައްޗަށް ފުއްގަނޑު އޮއްސާލުމަށްފަހު ބޮނޑިއެއްހެން ވަށަމިނުގައި ފަތުރާލާށެވެ. މިއީ ތައްޔާރުކޮށްލަން ފަސޭހަ ހަރަދުކުޑަ މީރު ކެއުމެކެވެ. ފެންފަތުފޮޅި ހަނާކުރި މަހާ އެއްކޮށް މީރުވާނެއެވެ.