ހުޅުމާލޭގައި ހަދާ ބުޅާ ފެސިލިޓީ އަންނަ މަހުގެ ދެ ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލަފެއާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީ މީޑިއާއިން މިއަދު "ވަން" އަށް ބުނީ ކެޓް ޝެލްޓާގައި މިހާރު ކުރިޔަށްދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އަދި އެތަން އަންނަ މަހުގެ ދެ ވަނަ ދުވަހު ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ބުޅާ ފެސިލިޓީ ހުޅުމާލެ ފޭސް ދޭއްގައި ހަދަން ފެށީ މި އަހަރުގެ މާޗް މަހުގައެވެ.
އެ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ ބޭނުމުގައި ހަދާ ތަނެކެވެ. އަދި އެއީ އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ވެސް ގާއިމުކުރާ ފެސިލިޓީއެކެވެ.
އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭނެ ސަރަހައްދަކާއި ކްލިނިކަކާއި ފާމަސީ އާއި ލެބޯޓްރީ އަދި ހިޔާވަހިކަމެއް ހުންނާނެއެވެ. އަދި ބުޅާތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތަށް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެ ފެސިލިޓީން ލިބިގެންދާނެ ކަމަށް މީގެ ކުރިން މާލޭ ކައުންސިލުން ބުނެފައިވެއެވެ.
އެ ފެސިލިޓީ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މާލޭ ކައުންސިލުން ވަނީ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ދެ ނަރުހުން ހޯދުމަށް އިއުލާނުކޮށްފައެވެ. އެގޮތުން ޑޮކްޓަރުގެ މުސާރައަކަށް 35،000 ރުފިޔާ ކަނޑައަޅާފައިވާ އިރު، ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8،130 ރުފިޔާއެވެ.
ބުޅާ ފެސިލިޓީ ހަދަނީ ފަރުކޮޅުފުށި ސަރަހައްދުން 5،000 އަކަފޫޓުގެ ބޮޑު ބިމެއްގައެވެ.