ޚަބަރު

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތްތަކުގެ އަދަދުތައް މިއަދާ ހަމައަށް އައިއިރު ހާމަކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ފަރާތްތަކުގެ މުސާރަތައް ކުޑަކުރަން ހުށަހަޅާފައިވާ މި ދަނޑިވަޅުގައި ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު ހާމަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ގޮވާލާ ކަމަށް އެ ކުއްލި މައްސަލައިގައި މީކާއިލް ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރުން އެކަންޏެވެ. ދެން ތިއްބެވި 59 މެންބަރުން ވޯޓު ދެއްވީ މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލުމަށެވެ.