ލައިފް ސްޓައިލް

ދަރިފުޅު ކިޔެވުމަށް ޝައުގުވެރިނުވަނީތަ؟

ކޮންމެ މަންމައަކާއި ބައްޕަޔަކުވެސް އެމީހުންގެ ދަރީން ސްކޫލުގައި ކާމިޔާބުވާން އެދޭނެއެވެ. ދަރީން ކިޔެވުމަށް ޝައުގުވެރިކަން ނުދައްކާ ހިނދު، މައިންބަފައިން ކަންބޮޑުވެއެވެ. ދަރީން ކިޔެވުމަށް ޝައުގުވެރިކަން ނުހުންނަ ދުވަސްވަރު އައުމަކީ އާންމު ކަމެކެވެ. މައިންބަފައިން ވާން ޖެހޭނީ އެކުދީން އަނބުރާ ރަނގަޅު މަގަށް އެޅުވުމަށް އެހީތެރިވާ ބަޔަކަށެވެ.

މީގެ ސިއްރަކީ ކިޔެވުމަކީ މަޖާކަމަކަށް އަދި ހިތްހަމަޖެހޭ ކަމަކަށް ހެދުމާއި، ދަރީންގެ ކިޔެވުމާމެދު ދެކޭގޮތް ބަދަލުކުރުމެވެ.

ދަރީން ކިޔެވުމަށް ނުއިށީންނަ ވަގުތުތަކުގައި އަބަދު އެކަން ކުރުމަށް ބުނެ އުނދަގޫކުރުމުގެ ބަދަލުގައި، ކާމިޔާބު ދަރީން ތަރުބިއްޔަތުކުރާ މައިންބަފައިން ގިނަފަހަރު އަހައްމިއްޔަތުކަން ދެނީ އެކުދީން ކިޔެވުމަށް އިށީންނަ ވަގުތުތަކަށެވެ. އެއީ ކުޑައިރުކޮޅަކަށް ނަމަވެސް، އެކަން ފާހަގަކޮށް ހިތްވަރުދިނުމަށެވެ. މިފަދަ ހިތްވަރުދިނުމުން ދަރިފުޅަކީ ކިޔެވުމަށް ލޯބިކުރާ އަދި ގަދައަޅައި މަސައްކަތްކުރާ ކުއްޖެއްކަމުގެ އަމިއްލަ ތަސައްވުރެއް އުފެދެއެވެ. މައިންބަފައިން އެކުދީންގެ މަސައްކަތް ފާހަގަކޮށް، 'މިއަދު ތިއިނީ ވަރަށް ސަމާލުކަން ދީގެން ދޯ' ނުވަތަ 'ދަރިފުޅު މިމަސައްކަތް ކުރަން ވަރަށް ޝައުގުވެރިކަން ހުރިކަން އެބަ ފާހަގަވޭ' ފަދަ ބަސްތައް ބުނުމުން، ދަރީންނަށް އެމީހުންނަކީ ކިޔެވުމުގެ ގާބިލުކަމާއި ފޯރި ހުރި ބައެއްކަމުގައި ދެކެން ހިތްވަރު ލިބެއެވެ.

ހިތްވަރުދިނުން

ދަރީން ކުރިއަރައި ދަނީ ހިތްވަރުދިނުމުންނެވެ. ދަރިފުޅު ކިޔެވުމަށް ކުޑަ މިންވަރެއްގެ މަސައްކަތެއް ކުރިނަމަވެސް، އެކަން ފާހަގަކުރާށެވެ. ހަމައެކަނި ނަތީޖާއަށް ބެލުމުގެ ބަދަލުގައި އެކުދީންގެ މަސައްކަތުގެ އަގު އަގުވަޒަންކުރުމުން، މަސައްކަތް ކުރުމަށް ހިތްވަރު ލިބިގަންނާނެއެވެ. މައިންބަފައިން 'ދަރިފުޅު ހޯމްވޯކަށް ކުރި މަސައްކަތާމެދު ފަހުރުވެރިވަން' ފަދަ ބަސްތައް ބުނުމުން، އެކުދީންނަށް އިހުސާސްވާނީ އެމީހުންގެ އަގު ވަޒަންކުރެވޭކަމާއި އެމީހުންގެ މަސައްކަތަކީ މުހިންމު އެއްޗެއްކަމެވެ. ހޯދޭ ކުދިކުދި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުން، ރަނގަޅު ކިޔެވުމުގެ އާދަތަކެއް މުުޅި ހަޔާތަށް އަށަގެންނެވިދާނެއެވެ.

ދަރިފުޅަށް އެންމެ ރަނގަޅަށް ކިޔެވޭނެ ގޮތް ހޯދާ!

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އަދި އެކުދީންނަށް އެންމެ ރަނގަޅަށް ކިޔެވޭނެ ގޮތްތައްވެސް ތަފާތުވެދާނެއެވެ. ބައެއް ކުދީންނަށް ފޮތް ކިޔުމުން އެންމެ ރަނގަޅަށް ދަސްވެދާނެއެވެ. އަނެއްބައި ކުދިންނަށް ވީޑިއޯ، މަޒުމޫނުން މައުލޫމާތު، ނުވަތަ ވާހަކައެއްގެ ސިފައިގައި ކިޔައިދިނުމުން އެންމެ ރަނގަޅަށް ވިސްނިދާނެއެވެ. ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ދެނެގަތުމަށް ޓަކައި އެކި ގޮތްގޮތުން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް، ދަރިފުޅަށް ތާރީހު މާއްދާ ފޫހިވާނަމަ، އެ މާއްދާ ވާހަކައެއްގެ ސިފައިގައި ކިޔައިދިނުމަށް މަސައްކަތްކުރާށެވެ.

ކުރިއެރުން ބެލުމަށް ފާރުގައި ހަރުކުރާ ކަލަންޑަރެއް ހަދާ!

ފާރުގައި ހަރުކުރާ ކަލަންޑަރަކީ ދަރީން ކިޔެވުމުގައި ހަރަކާތްތެރިކޮށް، ރޭވުންތެރިކޮށް ބެހެއްޓުމަށް ބޭނުންކުރެވޭނެ ތައުލީމީ އަދި މަޖާ ވަސީލަތެކެވެ. އިމްތިހާނު ދުވަސްތަކާއި ޕްރޮޖެކްޓްތައް ނިންމަން ޖެހޭ ތާރީހުތައްފަދަ މުހިންމު ދުވަސްތައް ފާހަގަކުރާށެވެ. މައިންބަފައިންނަށް އެމީހުންގެ ދަރިން ހާސިލުކުރާ ކާމިޔާބީތައް، މިސާލަކަށް ފޮތެއް ނިންމުން ނުވަތަ ވަކި މާއްދާއަކުން މާހިރަކަށްވުން ފަދަ ކަންކަން ކަލަންޑަރުގައި ހިމެނުމަށް ހިތްވަރުދެވިދާނެއެވެ. ދަރިވަރުންނަށް ކަލަންޑަރުގައި ކުރެހުންތައް ކުރެހުމަށް ނުވަތަ ސްޓިކާ ތަތްކުރުމަށް ފުރުސަތު ދިނުމުން، އެއަށް ހާއްސަ ސިފައެއް ލިބި، އިތުރަށް ބޭނުންކުރުމުގެ ޝައުގުވެރިކަން އިތުރުވާނެއެވެ. މި ކުޑަކުޑަ ކަމުން އެކުދީންނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބިދާނެއެވެ.

މާއްދާތައް ދިރިއުޅުމާ ގުޅުވާލަމާ!

އާންމުގޮތެއްގައި، ދަރީންނަށް އުނދަގޫވަނީ އެކުދީންނަށް މުހިންމުކަމެއް ނުފެންނަ މާއްދާތަކެވެ. ކިޔަވާ މާއްދާތަކާއި ހަގީގީ ދިރިއުޅުމާ ގުޅުވައިދިނުމަށް ދަރިފުޅަށް އެހީތެރިވެދޭށެވެ. މިކަމުން ކިޔެވުމަށް އިތުރު މުހިންމުކަމެއް ލިބިގެންދާނެއެވެ. މިސާލަކަށް އެކުދީން ގަސްގަހާގެހީގެ ވާހަކަ ކިޔަވަމުންދާނަމަ، އެކި ބާވަތުގެ މާމެލާމެލީގެ ވާހަކަ ދައްކާށެވެ. އަދަދުތަކުގެ ވާހަކަ ކިޔަވަމުންދާނަމަ، ކާބޯތަކެތި ގަތުމަށް ބަޖެޓު ހެދުމުގައި އެކުދީން ބައިވެރިކުރުވާށެވެ. ދިރިއުޅުމުގެ ތެރެއިން މިސާލުތައް ދެއްކުމުން، އެކުދީން ކިޔަވަމުން އަންނަ އެއްޗެހި ދިރިއުޅުމާ ގުޅިފައިވާ ގޮތް ދަރީންނަށް ރަނގަޅަށް ވިސްނޭނެއެވެ.

ވާދަވެރިކަމުގެ ބާރު ނުފޯރުވާ!

ދަރީން އެހެން ކުދީންނާ ވާދަކުރުމަށް މަޖުބޫރުކުރުމުން، ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެއެވެ. މީގެ ތެރޭގައި ނަފުސާނީ ބާރު، ކަންބޮޑުވުން އަދި ރުޅިއައުން ހިމެނެއެވެ. މައިންބަފައިން އަހައްމިއްޔަތުކަން ދޭންވާނީ އެހެން ކުދީންނާ އަޅައިކިޔުމުގެ ބަދަލުގައި، އެމީހުންގެ ދަރިފުޅުގެ އަމިއްލަ ކުރިއެރުމަށެވެ. ދަރިފުޅަށް އަމިއްލަ ލަނޑުދަނޑިތައް ކަނޑައެޅުމަށް ހިތްވަރުދޭށެވެ. މިސާލަކަށް ފޮތް ކިޔުމުގެ ބާރުމިން އިތުރުކުރުން ނުވަތަ ކޮންމެ ދުވަހަކު އާ ބަސްތަކެއް ދަސްކުރުން ފަދަ ކަންކަމެވެ. މިކަމުގެ ސަބަބުން ކިޔެވުމަކީ އެހެން މީހުންނަށްވުރެ މޮޅުވުމުގެ ވާދައެއްގެ ބަދަލުގައި، އަމިއްލަ ނަފުސު ތަރައްގީކުރުމުގެ ވަސީލަތެއްގެ ގޮތުގައި ދެކޭ ދުޅަހެޔޮ ވިސްނުމެއް އުފެދިގެންދާނެއެވެ.

އެކުދީންގެ އަމިއްލަ ބާރުމިނުގައި ދަސްކުރުމަށް ފުރުސަތުދީ!

ބައެއް ފަހަރު، ދަރީންނަށް އަމިއްލައަށް ކަންކަން ދެނެގަތުމަށް ދޫކޮށްލުން މާ ރަނގަޅެވެ. ދަރީންނަށް އެކުދީންގެ އަމިއްލަ ގޮތުގައި ދަސްކޮށް ބެލުމަށް ޖާގަ ދިނުމުން، އެކުދީންގެ އަމިއްލަވަންތަކަމުގެ އިހުސާސް އުފެދިގެންދާނެއެވެ. ދަރިފުޅުގެ ކިބައިގައި ބައެއް އާދަތައް އަށަގެންނެވުމަށް މަސައްކަތްކުރާށެވެ. މީގެ ތެރޭގައި އަބަދުވެސް އެކުދީންނަށް ޖަވާބުދިނުމުގެ ބަދަލުގައި، ސުވާލުކުރުމާއި ޖަވާބު ހޯދުމަށް ބާރުއެޅުން ހިމެނެއެވެ. އެކުދީންގެ ދަސްކުރުމުގެ ދަތުރުގައި އަމިއްލައަށް ޒިންމާ ނެގުމަށް އިތުބާރުކުރުމުން، އެކުދިންގެ ކިބައިގައި ކެތްތެރިކަމާއި މުޅި އުމުރަށް ދަސްކުރުމުގެ ލޯބި އުފެދިގެންދާނެއެވެ.