ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައި ވަނީ، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއު، ވައިޖެހޭގެ، ހއ. އިހަވަންދޫ، އާއި ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް/ގދ. ގައްދޫގެ ނަމެވެ.
އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިހާރު އެމަގާމުގައި ހުންނެވި އަސްމާގެ ދައުރު މި މަހުގެ 31 އަށް ހަމަވާތީއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން މީރާ ހިންގާ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނީ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންނެވެ. ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ފަސް އަހަރުގެ މުއްދަތެކެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ވަނީ ފޮނުއްވައިފައެވެ.