ޚަބަރު

ހުޅުމާލޭން ސިނާއީ ބޭނުމަށް ވިއްކާ 16 ބިމުގެ ސައިޒާއި އަގަށް ބަދަލު ގެނެސް، ގަތުމަށް ހުޅުވާލައިފި

ފާތިމަތު ލިޔުޝާ

ހުޅުމާލޭ ފޭސް ދޭކުން ސިނާއީ (ލައިޓް އިންޑަސްޓްރިއަލް) ބޭނުމަށް ވިއްކާ 16 ބިމުގެ ސައިޒާއި އަގަށް ބަދަލު ގެނެސް، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގަތުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިމަހުގެ ތިން ވަނަ ދުވަހު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 12 ބިމެއް ސިނާއީ ބޭނުމަށް ވިއްކުމަށް ހުޅުވާލައިފައެވެ. އެފަހަރު ހުޅުވާލީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ ބިމެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާއެވެ.

ނަމަވެސް އެޗްޑީސީން މިއަދު ވަނީ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުމިން ކުޑަކޮށް އަގުވެސް ކުޑަކޮށްފައެވެ. އެގޮތުން މިހާރު 16 ބިން ވިއްކާ ގޮތަށް ހަމަޖައްސާފައިވާ އިރު، ވިއްކަނީ 1،515 އަކަފޫޓާއި 1،538 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެ ބިން ތަކުގެ ބީލަން ފެށޭ އަގު ކުޑަކޮށް އަކަފޫޓަކަށް 5،500 ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. ކޮންމެ ފަރާތަކަށް ވެސް ޖުމްލަ ތިން ބިން ގަނެވޭނެއެވެ.

އެޗްޑީސީން "ވަން" އަށް މިއަދު ބުނީ ކޮންމެ ފަހަރަކު ވެސް ރިވައިސް ކުރާއިރު އަދަދު އިތުރު ކުރާ ކަމަށެވެ.

"ކުރިން 12 ބިން ހުޅުވާލީ. މިހާރު އިއުލާނަށް ބަދަލުގެނެސްފައި. ބިމުގެ ސައިޒަށް ބަދަލުގެނައީ. މިހާރު 16 ބިން. ސަރަހައްދަކީ ފޭސް ޓޫގެ ހިޔާ ސަރަހައްދުތައް ނިމޭ ސިހާބު. ކްރިކެޓު ދަނޑު. ސިނާއީ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް،" އެޗްޑީސީން ބުންޏެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި އެ ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭނެއެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް: https://bids.hdc.mv މެދުވެރިކޮށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅާލުމުން ލިބޭނެއެވެ.