ޚަބަރު

މަންމައަށް ވަޅިން ބިރުދައްކައި، މަރުގެ އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފާތިމަތު ލިޔުޝާ

މަންމައަށް ވަޅިން ބިރުދައްކައި، މަރުގެ އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ހުލުމާލެ ފޭސް ދޭއް އެޗް13 ގެ އެޕާޓްމަންޓަކުން އަންހެނަކު ރޯ އަޑު އިވޭ ކަމަށްބުނެ އިއްޔެ 18:17 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް އެ އެޕާޓްމަންޓުގެ ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ދަރިފުޅު ހ. އެހަދަ/ މުހައްމަދު އިސްމާއިލް 28އ. އެ އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ހަމަލަދީ މަރާލާނެ ކަމަށްބުނެ އިންޒާރުދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ އަންހެން މީހާގެ ފޯނު ފޭރިގެން ގޮސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މުހައްމަދު އިސްމާއިލް މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.