އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ 13 ވަނަ އޭޝިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން މިއަދު ކުޅުނު މެޗުގައި ފިލިޕީންސް ކައިރިން ބަލިވެއްޖެއެވެ.
ވާދަވެރިކޮށް ފެނިގެން ދިޔަ މެޗުގައި ރާއްޖޭގެ މައްޗަށް ފިލިޕީންސްއިން ކުރި ހޯދީ 56-48 ޕޮއިންޓުންނެވެ. މިހާތަނަށް ހަތަރު މެޗު ރާއްޖެއިން ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ވެސް ވަނީ މޮޅުވެފައެވެ. އެއީ 74-14ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އޭގެފަހުން ދެން ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު މެޗުގައި މެލޭޝިއާ ކައިރިން ބަލިވީ 64-28 އިންނެވެ. އެހެންނަމަވެސް، ރޭ ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެއީ ހޯސްޓް އިންޑިއާ ކައިރިން، 54-48 ޕޮއިންޓުން މޮޅުވެގެންނެވެ.
ރަނގަޅު ފޯމެއްގައި މެޗަށް ނުކުތް ރާއްޖެއިން ރަނގަޅަށް ފެށި ނަމަވެސް، ފިލިޕީންސް ފެނުނީ ޓެކްނިކަލީ ރަނގަޅު ކުޅުމެއް ދެއްކިތަނެވެ. ފުރަތަމަ ކުއާޓާ ނިމުނު އިރު، ފިލިޕީންސުން 10-17 އިން ކުރީގައި އޮތް އިރު، ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ރަނގަޅު ފޯމެއްގައި ކުޅެ، ތިން ޕޮއިންޓަށް ވެސް ސްކޯގެ ފަރަގު ކުޑަކޮށްފައެވެ.
އައިޝަތު ސަލީމާ އާއި އީމާ އަބްދުލް ސައްތާރުގެ ސްކޯރިން ރަނގަޅަށް ފެނުނު އިރު، ދެވަނަ ކުއާޓާގެ ފަހުކޮޅުގައި ފިލިޕީންސް އަނެއްކާ ވެސް ކުޅުން ރަނގަޅުކޮށް، ހާފް ޓައިމަށް ދިޔައީ 31-21 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
ދެން ޖެހިގެން އައި ތިންވަނަ ކުއާޓާ އަދި ހަތަރު ވަނަ ކުއާޓާގައި ވެސް ރާއްޖެއިން ވާދަވެރިކޮށް ފެނިގެން ގޮސްފައިވީ ނަމަވެސް ލީޑެއް ނެގޭ ގޮތެއް ނުވިއެވެ. ހަތަރުވަނަ ކުއާޓާގައި ވެސް ތިން ޕޮއިންޓަށް ގާތްކޮށް ވެސް ލީޑަށް އެރޭ ގޮތެއް ރާއްޖެއަކަށް ނުވިއެވެ. މެޗުގެ ތިންވަނަ ކުއާޓާ ނިމުނު އިރު، ފިލިޕީންސް 43-37 ގެ ސްކޯއަކުން ކުރީގައި އޮތް އިރު، ފަހު ކުއާޓާގައި ކުޅުން ރަނގަޅު ކޮށްގެން ވެސް ރާއްޖެއަށް މޮޅެއް ނުހޯދުނެވެ.
މިފަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ޖުމުލަ 14 ޓީމަކުން ވާދަކުރަމުންދާ އިރު، މުބާރާތް ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތް ނިމޭނީ 27 ވަނަ ދުވަހުއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށްދާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ސައުދީ އާއި މެލޭޝިއާގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް އަދި ޖަޕާނެވެ. އަދި ގްރޫޕް ބީގައި ވާދަކުރަނީ ސިންގަޕޫރް، ހޮން ކޮންގް، ބުރުނާއީ، ތައިލެންޑްގެ އިތުރުން ޗައިނީސް ޓައިޕޭ އާއި އިރާގް އަދި ބަހުރެއިނެވެ.
ކޮރަމަންގަލާ އިންޑޯ ސްޓޭޑިއަމްގައި މެޗުތައް ކުޅޭ އިރު، ދެން ރާއްޖެ ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އެއީ ބުދަ ދުވަހުއެވެ.