އެކާވީސް ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު މެޓްރިކްސްއިން ހޯދައިފިއެވެ.
ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ އިންޑޯގައި ކުޅުނު ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެޓްރިކްސްއިން ހޯދީ، ކްލަބު ގްރީން ސްޓްރީޓްސްއާ ވާދަކޮށް، 57-46 ގެ ސްކޯއަކުންނެވެ. މިއީ މިއަހަރު މެޓްރިކްސްއިން ހޯދީ ގައުމީ ފެންވަރުގެ ދެވަނަ ކާމިޔާބީއެވެ. މިފަހަރުގެ ނެޓްބޯޅަ އެސޯސިއޭޝަން ކަޕްގެ ތަށިވެސް ހޯދީ މެޓްރިކްސްއިންނެވެ.
ގައުމީ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް މެޓްރިކްސްގެ އީމާ އަބްދުއް ސައްތާރު ހޮވުނު އިރު، އޭނާއަކީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުގެ މިޝްކާ އަފްރާހް ހަސަނެވެ. ގައުމީ މުބާރާތުގެވެސް އެންމެ މޮޅު ކޯޗަކީ މެޓްރިކްސްގެ ނީޝާ ހަލީމެވެ. އޭނާއަކީ އެސޯސިއޭޝަން ކަޕްގެވެސް އެންމެ މޮޅު ކޯޗެވެ.
ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ފަސް ޓީމަކުން ވާދަކޮށްފައިވެއެވެ. މިފަހަރުގެ ދެވަނަ ޑިވިޝަނުގެ ތަށި ނެގީ ސްޕޯޓްސް ކްލަބު ސްކައިލާކެވެ. ސީރީސްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޝިބާ ހުސައިން ސުހައިލެވެ.