އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން، ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ފުލުހުންގެ އިދާރީ އޮނިގަނޑަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ.
އެގޮތުން ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓު ޑިރެކްޓަރުގެ މަގާމަށް ޝިފާން ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި ކޮމިޝަނަރު އޮފީހުގެ ހެޑަކަށް ހަމަޖައްސާފައިވަނީ، ސާވިސް ޑިވެލޮޕްމަންޓުގެ އިސްވެރިއަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ޝިފާން ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އަދި ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައި ވެސް ހަމަޖެއްސެވިއެވެ. އޭގެ ކުރިން އޭނާ ހުންނެވީ އައްޑޫ ޕޮލިސް އެކަޑެމީގައެވެ.
މޫސަ ކުރިން ހުންނެވީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރީޖަނަލް ކޮމާންޑަރަކަށެވެ. ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓްރޭޓަކަށް ބަދަލުކުރެއްވީ އެ މަގާމުގެ ދައުރު ހަމަވުމުންނެވެ.