ޚަބަރު

އެޗްޑީސީއަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު އާންމުކުރަނީ

1

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރީގެ އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކި ވިޔަފާރިތަކުން ދައްކަންޖެހި، ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"އެގޮތުން، މި ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާ ހުރި ފަރާތްތަކުން، މިއަދުން ފެށިގެން 30 ނޮވެމްބަރު 2024 ގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކުރައްވައި، މި ކޯޕަރޭޝަނަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރެއްވުމަށް ދަންނަވަމެވެ..،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށެވެ.

އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކޮށްގެން ކުރިއަށްގެންދިއުމަށް ދަންނަވާ ކަމަށާއި އެފަދަ ކަންކަމުގައި ވިޔަފާރިތަކުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟