ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސީގައި ކުޅުނު ދެވަނަ މެޗުގައި މިއަދު ބަހުރެއިން އަތުން ބަލިވެއްޖެއެވެ.
ޗައިނާގެ ޑަލިއަންގައި ކުރިއަށްދާ އޭޝިއަން ކަޕް ގްރޫޕް ސީގެ ކޮލިފިކޭޝަން ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރީ 2-2 އިން އެއްވަރުވެފައި އޮތް އިރު، މިއަދު ނުކުތީ އޭޝިއާ ވަރުގަދަ ގައުމެއް ކަމަށްވާ ބަހުރެއިނާ ދެކޮޅަށެވެ. މެޗުގައި ރާއްޖެއިން ރަނގަޅަށް ހިތްވަރުކޮށް، 1-0 އިން ބަލިވި ނަމަވެސް، ޓީމަށް މިއަދުގެ ނަތީޖާއަކީ ޕޮސިޓިވް ނަތީޖާއަކަށް ވާނެއެވެ. އެއީ ބަހުރެއިނަކީ އޭޝިއާ ފުޓުބޯޅައިގައި ވަރުގަދަ ގައުމަކަށް ވާތީއެވެ.
މިއަދުގެ މެޗުގެ ކުރީކޮޅުގައި މުހައްމަދު އިލާން އިމްރާން ބަދަލުކުރަން ޖެހުން ރާއްޖެއަށް މާޔޫސް ކަމަކަށްވީ ނަމަވެސް، 83 ވަނަ މިނެޓާ ހަމައަށް ރާއްޖެއިން ރަނގަޅަށް ޑިފެންސް ކޮށްފައިވެއެވެ. ބަހުރެއިނުން މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ފަހު ވަގުތާ ޖެހެންދެން ރާއްޖެ ވަނީ ބަހުރެއިން ހިފަހައްޓައިފައެވެ. 83 ވަނަ މިނެޓުގައި ބަހުރެއިނުން ޖެހި ގޯލަކީ އިބްރާހީމް އަހުމަދު އަޔާޝް ޖެހި ގޯލެކެވެ.
އޭޝިއަން ކަޕް ގްރޫޕް ސީގެ ކޮލިފިކޭޝަންގައި ރާއްޖެއާއި ބޫޓާންގެ އިތުރުން ދެން ވާދަކުރަނީ ޗައިނާއާއި ބަހުރެއިން އަދި ކޮރެއާ ރިޕަބްލިކެވެ. ރާއްޖެއަށް ދެން އޮތީ ވަރުގަދަ ކޮރެއާއާއި ޗައިނާއާ ދެކޮޅަށް އޮތް މެޗެވެ. ބުދަ ދުވަހު ކޮރެއާއާ ކުޅުމަށް ފަހު، ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނަން ޖެހޭނީ ހުކުރު ދުވަހުއެވެ.