ޚަބަރު

އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފި

ފާތިމަތު ލިޔުޝާ

އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 19 ވަނަ ދުވަހުއެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ލ. ކަލައިދޫ / އެވަރގްރީން، މުހައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ) އެވެ.

އެ ގެތައް ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1142.04 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން، އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުހައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.