އޮސްޓްރޭލިޔާގެ ފެޑެރަލް އިލެކްޝަން ކާމިޔާބުކުރެއްވުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ސްކޮޓް މޮރިސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އޮސްޓްރޭލިއަން ލިބަރޓީ ޕާޓީއަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި، އޮސްޓްރޭލިޔާގެ ވަރުގަދަ ޑިމޮކްރަސީގެ ސަގާފަތް އެގޮތުގައި ދެމެހެއްޓުމުގައި ރައްޔިތުން ބޭނުންވާ ގޮތް ނިންމަވައިފި ކަމަށާއި، މި ކާމިޔާބީގެ ފަހަތުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ގެ ވެރިކަން ހިންގެވުމުގެ ގާބިލުކަން ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިޔެއްކަމަށާއި، އޮސްޓްރޭލިޔާގެ އާ ސަރުކާރާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.