ޚަބަރު

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ހެދިކަމުގެ ހެކި ނެތުމުން، ތަހުގީގު ނިންމައި އަރަފާތު ޑީޕޯޓްކޮށްލައިފި

ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކޮށް އެ ތަކެތި ވިއްކިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝްގެ އެމްޑީ އަރަފާތު ހޮސެއިން (32އ) ޑީޕޯޓްކޮށްލައިފިއެވެ

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބުޅާ މަސް އަޅައިގެން އަރަފާތު އެއްވެސް ކާއެއްޗެއް ތައްޔާރު ކުރިކަމުގެ ހެއްކެއް ތަހުގީގަށް ފެނިފައިނުވާ ކަމަށާއި އެހެންވެ، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، ތަހުގީގު ނިންމާލައިފައިވާ ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހާ އިމިގްރޭޝަންއާ ހަވާލުކުރުމުން އެ މީހާ ވަނީ ޑީޕޯޓްކޮށްލާފައި" ފުލުހުން ބުންޏެވެ.

ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތުގައި އަރަފާތު ހައްޔަރުކުރީ، މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

އަރަފާތުގެ ކާބޯތަކެތި ތައްޔާރު ކުރަނީ ވަރަށް ނުތާހިރުކޮށް، މުއްދަތުވެސް ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެންކަން "ވަން" އިން ވަނީ ކަށަވަރުކޮށްފައެވެ. އަދި އަރަފާތު ތަފާތު ވައްތަރުގެ ސަބްމެރިނާއި ބާގާ ފަދަ ތަކެތި އެކިއެކި ފިހާރަތަކަށް ވިއްކަން ލާކަން އެނގިފައިވެއެވެ. އޭގައި ބުޅާ މަސް އެކުލެވޭ ކަމަށް ގިނަ ބަޔަކު އޭއިރު ތުހުމަތުކުރިއެވެ.