ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހަސައިން މުހައްމަދު ލަތީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އިގުތިސޯދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމަކަށް ލިބޭ މުހިންމު މަންސައެއް ކަމަށެވެ.
މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން، ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިންމު ފުރުސަތަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މާދަމާއިން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްއާއެކު، ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.