ޚަބަރު

ދިރާގު ރޯޑް ރޭހުގެ ބިބާއި ރޭސް ކިޓް ދޫކުރަން ފަށައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024ގެ ބިބް އާއި ރޭސް ކިޓް ދޫކުރަން ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ މި އަހަރުގެ ރޯޑް ރޭހުގެ ބިބް އެކްސްޕޯ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ކުރިއަށްދާ ކަމަށެވެ.

ދިރާގުން ބުނީ ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލު ކުރާނެ ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ބައިވެރިންނަށް ކިޓް ނެގޭނެއެވެ.

ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނޭ ބިބުގެ އިތުރުން ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭ ކަމަށެވެ. އަދި ވެރިފައި ކުރުމަށް ރޭސް ކިޓް ބަލާ ދާ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. މި އަހަރު ބާއްވަނީ ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނެވެ. އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނަ މި ދުވުމުގައި 4،400 އަށް ވުރެ ގިނަ ބައިވެރިން ދުވާނެއެވެ.