މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެ ޕްރޮގްރާމަކީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ތިލަފުށި ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއް މިލިއަން ގަސް އިންދަން އެމްޕީއެލުން ވަނީ ޕްލެޖެއްގައި ސޮއިކޮށްފައެވެ. އެ ޕްލެޖްގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. އަދި އެ ލިޔުން އެންވައިރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމްއާ ހަވާލުކޮށްފައެވެ.
އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ އާއި މިނިސްޓަރުގެ އިތުރުން އެމްޕީއެލްގެ މުވައްޒަފުން ވަނީ ތިލަފުށީގައި ގަސް އިންދައިފައެވެ.
އެމްޕީއެލުން ބުނީ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުން ކަމަށާއި އަދި މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ، ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
އެ މަސައްކަތުގައި އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން ބައިވެރިވާނެ ކަމަށާއި އަދި އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އެކި ކްލަބު ޖަމިއްޔަތަކާ ގުޅިގެން އެމްޕީއެލްއިން ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު މިކަން ހާސިލްކުރުން،" ވަޖީހް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ގަސް އިންދުމަށް ޕްލެޖް ކުރީ އެމްޕީއެލުން ކަމަށެވެ. އަދި އެކަމަކީ އެމްޕީއެލް ފަދަ އެސްއޯއީ އަކުން އިސްނަގައިގެން ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.