ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ޕާކެއް މިއަދު ހުޅުވައިފިއެވެ.
މާލެއިން ސިނަމާލެ ބްރިޖަށް އަރާ ހިސާބުގައި ތަރައްގީކުރި ކުޑަ ޕާކު ހުޅުވައިދެއްވީ ކޮންސްޓްރްކަޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިންއެވެ. އެ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ކުޑަކުދިންވެސް ބައިވެރިވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޗައިނާ ސަރުކާރާ ގުޅިގެން ހެދި ބްރިޖު ޕާކަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ހެއްކެއް ކަމަށެވެ.
ސިނަމާލެ ބްރިޖަކީ ޗައިނާ އިން އެޅި ބްރިޖެކެވެ. އެގޮތުން އެ ބްރިޖު ހެދުމަށް އެ ގައުމުން 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ލޯނުގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިނެވެ. އެ މަޝްރޫއަށް ސަރުކާރުން ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.
ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތްތައްވެސް ކުރަނީ އެ ބްރިޖު އެޅި ޗައިނާގެ ކުންފުނިންނެވެ.