ޚަބަރު

އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަަމަށް ކަނޑައަޅައިފި

އިބްރާހިމް ޒަކީ

1

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުން އިމާދުު ސޯލިހު ވަކިކުރި މައްސަލަ ވަޒީފާއާ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މި މައްސަލައަކީ 1 ނޮވެމްބަރު 2022 އިން ފެށިގެން އެންޑީއޭގެ ސީއީއޯގެ މަގާމު އަދާކުރަމުން ދަނިކޮށް 17 ނޮވެމްބަރު 2023 ގައި ސަރުކާރު ބަދަލުވުމަށްފަހު، އެންޑީއޭގެ ބޯޑު އެކުލަވާލުމަށްފަހު މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި އޭނާ ވަޒީފާ އިން ވަކިކުރުމަށް ނިންމާފައިވާކަން އެ ފަރާތަށް އަންގާފައިވާތީ، އޭނާ ވަޒީފާ އިން ވަކިކޮށްފައިވަނީ އަމަލު ކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އިމާދު އެދިފައި ވަނީ، އޭންޑީއޭގެ ސީއީއޯގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ދުރާލާ އެއްވެސް ނޯޓިސް އެއް ދިނުމަކާ ނުލައި ކަމަށް ކަނޑައަޅައި ދިނުމަށާއި ސީއީއޯގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ އެެޖެންސީ އާއެކު ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް ކަަމަށް ކަނޑައަޅައި ދިނުމަށާއި އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ އިތުރުން އޭނާއަކީ ގާނޫނީ ގޮތުން އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުރި ފަރާތްކަމުގައި ކަނޑައަޅައި ދިނުމަށާއި ވަޒީފާއަށް ނުކުތުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެންޑީއޭގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް ޓްރައިބިއުނަލްގައި އޭނާ ވަނީ އެދިފައެވެ.

ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އެއްވެސް ނޯޓިސް ދިނުމަކާ ނުލައި އިމާދު، ސީއީއޯގެ މަގާމުން ވަކިކުރުމުގެ ފުރިހަމަ އިހުތިޔާރު އެންޑީއޭގެ ބޯޑަށް ލިބިގެންވާ ކަމަށް ވަޒީފާއާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ނޯޓިސް ދިނުމަކާ ނުލައި އޭނާ ވަޒީފާ އިން ވަކިކުރެވޭނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ކަމަށް ބަޔާންކޮށްފައި ނުވާތީ އާއި ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ލިބިދީފައިވާ ފަރާތަކީ އެންޑީއޭގެ ބޯޑުކަން މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދާއި ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެންޑިއޭގެ ސީއީއޯގެ މަގާމަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އިސްތިސްނާ ކޮށްފައިވާ މަގާމެއް ކަމަށް ބުރަވޭ ކަމަށާއި މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ނޭޝަލް ޑްރަގް އެޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދާއި ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެންޑީއޭގެ ބޯޑަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްފައިވާ ގޮތް ބަލައި، އެންޑީއޭގެ ސީއީއޯގެ މަގާމުން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރުމާ ގުޅޭ ގޮތުން ގޮތް ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުރަވެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޓްރައިބިއުނަލުން ނިންމާފައިވަނީ، މިއީ އެ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ މައްސަލައެެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟