ތެލެސީމިއާ ހޮސްޕިޓަލްގެ އިމާރާތް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން" އިފްތިތާހު ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ހޮސްޕިޓަލު އިމާރާތް ކުރުމުގެ އެމްއޯޔޫގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ. ޗިން ހިން އިންޖިނިއަރިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޮޖާ ލިމް ސްވީކިއެޓްއެވެ. އަދި ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ލިއު ޓާއޯއެވެ.
އެ ހޮސްޕިޓަލް ހެދުމަށް ސަރުކާރުން ވަނީ ހުޅުމާލެ ފޭސް ދެއަކުން 72،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައެވެ.
ސަރުކާރުން ބުނީ ތެލެސީމިއާ އަށް ފަރުވާދޭ ހޮސްޕިޓާ އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީ ކުންފުނީގެ ފަރާތުން ކަމަށެވެ. އެ ހޮސްޕިޓާ ހިންގުމާއި ބެލެހެއްޓުން ކުރިއަށްގެންދާނީ މެލޭޝިޔާގެ މެޑޯ އޭޝިއާ ކުންފުނިން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ އެ ހޮސްޕިޓަލާއެކު ތެލެސީމިއާ ކުދީންނަށް ބޭނުންވާ ފަރުވާ ދެމެހެއްޓެނެވި ގޮތެއްގައި ކަށަވަރުވެގެންދާނެކަމަށެވެ.
"ކޮންމެ މީހަކަށްވެސް ކުރެވިދާނެ މުހިންމު ކަމެއް އެބައޮތް. އެއީ ލޭ ހަދިޔާ ކުރުން. ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެވެެސް އުފަލަކަށް ހަދަން ޖެހޭ. އަޅުގަނޑުމެން ހަދިޔާ ކުރާ ލެއަކީ އެކުންދީން ދިރިހުރުމަށް ދެވޭ އުންމީދެއްވެސްމެ" ނާއިބުރައީސް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދީންނަށް އެހެން ކުދީންނެކޭ އެއްފަދައިން މުޖުތަމައުގައި ހަމަހަމަ ފުރުސަތު ލިބިދޭން ޖެހޭ ކަމަށާއި އެ ކަމުގައި ކަމާބެހޭ މުވައްސަސާތަކާއި އެންމެހާ ރައްޔިތުން ގުޅިގެން ފުރިހަމަ އެއްބާރުލުން ދޭން ޖޭހޭ ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.