ޚަބަރު

''މަޖިލީހުގެ ރައީސްކަމަށް ގެނައުމަށް ރައީސް ނަޝީދާއި ރައީސް ސޯލިހު ވަކި ބޭފުޅަކަށް ހާއްސަކަމެއް ނުދެއްވާނެ''

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ވަކި ބޭފުޅަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަކަމެއް ނުދެއްވާނެ ކަމަށް މަޖިލީހުގެ ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު އަދި މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހު ތާއީދުކުރައްވާނީ ޕާޓީގެ ގަވާއިދުގެ ތެރެއިން މަޖިލީހުގެ ރައީސްކަމަށް ނޮމިނޭޓްކުރާ ބޭފުޅަކަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގައި އެބައޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ނޮމިނޭޓްކުރާނެ ބޭފުޅަކު ހޮވާނެ ޕްރޮސީޖާއެއް. އެ ޕްރޮސީޖާގެ ތެރެއިން އެ ވަޑައިގަންނަވާ ބޭފުޅަކަށް އެބޭފުޅުން ތާއީދުކުރައްވާނީ. އެމްޑީޕީގެ ކޮންމެ މެމްބަރަކީ ވެސް އެބޭފުޅުންގެ ކުރިމަތީގައި އެއްވަރެއްގެ ބޭފުޅުން. އެ ދެބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވަކި ބޭފުޅަކަށް ހާއްސަކަމެއް ދެއްވާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ނޮމިނޭޓުކުރާ ބޭފުޅަކު ހޮވުމަށް ނަގާ ވޯޓު ސިއްރުކުރަން ޕާލިމަންޓަރީ ގްރޫޕުގެ ގިނަ މެމްބަރުން އެދޭ ނަމަ، އެގޮތަކަށް ވޯޓު ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އަދި ވޯޓު ސިއްރުނުކޮށް ކުރިއަށްގެންދިޔަ ކަމުގައިވިޔަސް، މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.