ޚަބަރު

ގަވައިދަށް ބަދަލެއް ގެނެސްގެން ނަމަވެސް މަޖިލީހުގެ މައިނޯރިޓީގެ އަޑު އިއްވަންޖެހޭ: ހަސަން އަފީފް

ގަވައިދަށް ބަދަލު ގެނެސްގެން ނަމަވެސް މައިނޯރިޓީގެ އަޑު އިއްވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުހީ" ޕޮރްގުރާމުގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވިއްޖެ ނަމަ، މަޖިލީހުގެ އިދިކޮޅު ފަސް މެންބަރުންގެ ނުވަތަ މައިނޯރިޓީ މެންބަރުންގެ އަޑު އިއްވުމަށް ގެންނަވާނެ ބަދަލުތަކަކީ ކޮބައިކަމާމެދު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން އަފީފް ވިދާޅުވީ ގަވައިދަށް ބަދަލު ގެނެސްގެން ނަމަވެސް އެ މެންބަރުންނަށް ފުރުސަތު ދޭން މަސައްކަތްކޮށްދެއްވާނެ ކަމަށާއި އިސްލާހަށް ކުރާ މަސައްކަތުގައި މައިނޯރިޓީގެ އަޑު އިއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަފީފް ވިދާޅުވީ އިސްލާހަށް ކުރާ މަސައްކަތުގައި މައިނޯރިޓީގެ އަޑު އިއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގައި އިސްހާލު ކުރަން ހުންނަ ކަމެއް އެންމެ ބޮޑަށް ފާހަގަކުރާނީ މައިނޯރިޓީގައި ތިއްބަވާ ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ، މަޖިލީސް ހާމަކޮށް ކުރިއަށް ގެންދިއުމަކީ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި މަޖިލީހުގެ ރައިސްކަމަށް ހޮވިވަޑައިގެންފިނަމަ އެކަމަށް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތުދެއްވާނެ ކަމަށެވެ.