ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބެޑްމިންޓަނަށް ހައްލު ހޯދަން ބީޑަބްލިޔުއެފްގެ ޖަވާބަކަށް އިންތިޒާރުގައި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)، އަސާސީ ގަވާއިދުގެ ބޭރުން ހިންގަމުންދާ ދިއުމަށް ހައްލު ހޯދުމަށް މިވަގުތު ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަން (ބީޑަބްލިޔުއެފް) ގެ ނިންމުމަކަށް އިންތިޒާރުކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް (ތޮލާ) ވިދާޅުވެއްޖެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، ދައުރު ހަމަވިތާ ހަ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ސްޕޯޓްސް ތޮލާލް އެންމެފަހުން ނިންމަވާފައިވަނީ އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރެއްވުމަށެވެ. އެހެންނަމަވެސް، އެ ނިންމުމާއެކު ބީއޭއެމްއިން އެދިގެން ބީޑަބްލިޔުއެފް އިން ވަނީ އޮލިމްޕިކްސް ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނީ މުއައްސިސް، ސްޕޯޓްސް ކައުންސިލާ އިދާރީ ހިންގުން ހަވާލުކޮށްފި ނަމަ، ބެޑްމިންޓަން ސަސްޕެންޑްކުރާނެ ކަމަށެވެ.

ބީއޭއެމްއިން ވަނީ އެ މައްސަލައިގައި، ކޮމިޝަނާ ތޮލާލްގެ ނިންމެވުން އެއީ ބާތިލު ނިންމެވުމެއް ކަމަށް ކަނޑައަޅައިދީ، އެސޯސިއޭޝަނުގެ ހިންގުން އެންމެފަހުން އޮތް ވަގުތީ އެކްސްކޯއާ ހަވާލުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެހެންނަމަވެސް ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރެދީފައެއް ނުވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ބޯޑަށް އެންމެ ފަހުން މެންބަރުން އިންތިހާބު ކުރީ 24 ފެބްރުއަރީ 2021 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނަރު އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ 11 މާޗް 2021 ގައެވެ. އިންތިހާބެއް ނުބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން އެ ހާލަތަށް ގޮސްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ތެރެއިންނެވެ. އެ އިދާރާ ހިންގަވަން ހުންނެވި ރައީސް މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށް ވެސް ވަދެފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.

އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން އެސޯސިއޭޝަނުން ކުރި މަސައްކަތް ވެސް އޭސީސީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހުއްޓުވާފައިވާ އިރު، އިންތިހާބެއް ނުބޭއްވި ލަސްވެގެން ދިޔައީ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ވެސް ތޮލާލް އަންގަވާފައިވާތީއެވެ. ބީއޭއެމްގެ ރައީސަކަށް ހުންނެވި މޫސަ އިސްތިއުފާ ދިނުމާއެކު އިދާރާ ހިންގުމާ ހަވާލުވެ ހުރި ކަމަށް ބީއޭއެމްއިން ބުނެފައިވަނީ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާއެވެ. އެއީ ބީޑަބްލިޔުއެފް ވެބްސައިޓުގައިވެސް ވާ ގޮތެވެ.

ބެޑްމިންޓަން ކުޅުންތެރިންނާއި ކްލަބުތަކުންވެސް އެސޯސިއޭޝަނުގެ ޝަކުވާތައް އިންތިހާއަށް ކުރަމުން އަންނަ ނަމަވެސް، އަދިވެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަކީ ދައުރު ހަމަވެފައި އޮތް ހިންގާ ކޮމިޓީއެވެ. އެއީ ބީޑަބްލިޔުއެފް އިން އަދި ގަބޫލުކުރާ ގޮތެވެ. އޭގެފަހުން އިތުރު ނިންމުމަކަށް މަޝްވަރާކުރި ނަމަވެސް، އަދި ނިންމުމެއް ނިންމާފައެއް ނުވެއެވެ.

"ބީޑަބްލިޔުއެފްގެ ނިންމުމަކަށް މި އިންތިޒާރުކުރަމުން ދަނީ. އެހެންވެ މިވަގުތު އިތުރު ގޮތަކަށް ކަންކަން ކުރަން ވިސްނޭކަށް ނެތް. އެ އެސޯސިއޭޝަނުގެ ނިންމުމަކަށް އިންތިޒާރުކުރަމުންދާ އިރު، ކޮމިޝަނަރުގެ ހައިސއްޔަތުން އެދިފައިވާނީ ބެޑްމިންޓަން އެސޯސިއޭޝަން ނޯމަލައިޒޭޝަނަކަށް ގެންދަން. ދެން އެކަމުގައި މިކޮޅުން އެޅި ފިޔަވަޅަކުން ސަސްޕެންޑް ކުރަންޏާ ކުރިޔަސް އެކަމުގައި ވަކި އިތުރު މަގެއް ނެތް،" ތޮލާލް، "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ބީޑަބްލިޔުއެފް މެދުވެރިވެ، ބެޑްމިންޓަންގެ މައްސަލަ އޮޅުވާލަން ބީއޭއެމްއިން މަސައްކަތް ކުރާ ކަމަށް މީގެ ކުރިންވެސް ތޮލާލް ތުހުމަތުކުރައްވާފައިވާ އިރު، ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ތޮލާލް ފާހަގަކުރެއްވީ ބީއޭއެމްއަށް އެޅި ފިޔަވަޅަކީ ބެޑްމިންޓަން ހިމާޔަތްކޮށް، ކުޅިވަރަށް އިންސާފު ހޯދައިދޭން މަޖުބޫރުވެގެން އެޅި ފިޔަވަޅެއް ކަމަށެވެ.